Last Updated: July 18, 17:34
Saturday, July 18, 2026
ކުޅިވަރު

ވިލާ އަތުން އާސެނަލް އަށް މުހިއްމު މޮޅެއް

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ އެސްޓަން ވިލާ އަތުން 1-0 އިން މޮޅުވެ ޕްރިމިއާ ލީގުގެ ހަތަރުވަނައިގައި އާސެނަލް އިން ހަމަޖެހިލައިފި އެވެ.

މި މޮޅާ އެކު ވަނީ އެއް މެޗު މަދުންކުޅެ ހަތަރު ވަނައިގައި އާސެނަލް އޮތީ 28 މެޗުން ލިބުނު 54 ޕޮއިންޓާއެކު އެވެ. ފަސް ވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑަށް 29 މެޗުން ލިބިފައިވަނީ 50 ޕޮއިންޓެވެ. އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުން ޖާގަ ލިބޭނީ ލީގުގެ ގަދަ ހަތަރަކުން ޖާގަ ހޯދާ ޓީމުތަކަށެވެ.

އެސްޓަންވިލާގެ ދަނޑުގައި ކުޅުނު މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު އާސެނަލް އަށް މެޗުގެ 30 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ބުކާޔޯ ސަކާ އެވެ. މިއީ މި ސީޒަނުގައި ސަކާ ކާމިޔާބުކުރި 10 ވަނަ ގޯލެވެ.

މި މެޗުގައި ސަކާ ކާމިޔާބުކުރި މި ގޯލަކީ އިނގިރޭސި ލީގުގައި އާސެނަލް އިން ޖެހި 2000 ވަނަ ގޯލު ވެސް މެ އެވެ. އާސެނަލް އަކީ ޔުނައިޓެޑާއި ލިވަޕޫލަށް ފަހު އެ އަދަދަށް ލީގުގައި ގޯލު ޖެހި ފުރަތަމަ ކްލަބެވެ.

މެޗުގެ ފުރަތަމަ ހާފާއި ހިލާފަށް ދެވަނަ ހާފްގައި އެސްޓަންވިލާ އިން ކުޅުން ރަނގަޅުކުރި ނަމަވެސް އާސެނަލްގެ ޑިފެންސަށް މާބޮޑު ޕްރެޝަރެއް ކުރެވޭ ގޮތް ވަނީ ނުވެފަ އެވެ. އެޓީމަށް މި މެޗުގައި އާސެނަލްގެ ގޯލާ އަމާޒުކޮށް ފޮނުވާލެވުނީ އެންމެ ހަމަލާއެކެވެ.

ލީގުގައި އާސެނަލް ދެން ބައްދަލުކުރާނީ ކްރިސްޓަލް ޕެލެސްއާ އެވެ. އެ މެޗު ކުޅޭނީ ކުރިއަށް އޮތް އިންޓަނޭޝަނަލް ބްރޭކަށްފަހު އަންނަ މަހުގެ ފަސްވަނަ ދުވަހު އެވެ.