Last Updated: June 22, 20:19
Monday, June 22, 2026
ޚަބަރު

3،000 މެމްބަރުން ނެތް ޕާޓީތަކަށް ނޯޓިސް ދެނީ

ރާއްޖޭގެ ސިޔާސީ ޕާޓީތަކުގެ ތެރެއިން މެމްބަރުން ހަމަނުވާ ޕާޓީތަކަށް ނޯޓިސް ދޭން ނިންމައިފި އެވެ.

އިލެކްޝަން ކޮމިޝަން (އީސީ) އިން ބުނީ ސިޔާސީ ޕާޓީތަކުގެ ދަފުތަރުގައި 11 ޕާޓީއެއް އޮތް ނަމަވެސް ހަތަރު ޕާޓީއެއްގައި ގާނޫނުގައި ބުނާ ވަރަށް މިހާރު މެމްބަރުން ނެތް ކަމަށެވެ. އެހެންވެ 3،000 މެމްބަރުން ހަމަނުވާ ހަތަރު ޕާޓީއަކަށް ނޯޓިސް، ފޮނުވައި އެ އަދަދަށް މެމްބަރުން ހަމަކުރަން ތިން މަސް ދުވަހުގެ މުއްދަތެއް ދޭން ވަނީ ނިންމައިފަ އެވެ.

ތިންހާސް މެމްބަރުން ހަމަނުވާ ޕާޓީތަކަކީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރުއެމް)، ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ހިންގަވާ ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ)، މޯލްޑިވްސް ލޭބާ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީ (އެމްއެލްއެސްޑީ) އަދި މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ) ޕާޓީ އެވެ.

އީސީން ބުނި ގޮތުގައި 3،000 މެމްބަރުން ހަމަކުރުމަށް ދެވޭ މުއްދަތުގެ ތެރޭގައި އެކަން ނުކުރެވިއްޖެ ނަމަ އެ ޕާޓީތައް އުވައިލުމުގެ މަސައްކަތް ފަށާނެ އެވެ. ސިޔާސީ ޕާޓީތައް ރަޖިސްޓްރީކޮށް ދެނީ ވެސް 3،000 މެމްބަރުން ހަމަކުރުމުންނެވެ. އަދި ސަރުކާރުގެ ބަޖެޓުން ފައިސާ ދެނީ 10،000 މެމްބަރުން ހަމަވާ ޕާޓީތަކަށެވެ.

އެ އަދަދަށް މެމްބަރުން ތިބީ ހަތަރު ޕާޓީއެއްގަ އެވެ. ޕާޓީތަކުގައި މެމްބަރުން ތިބި އަދަދު ހާމަކޮށް އެންމެ ފަހުން އީސީން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާ އިރު އެމްޑީޕީގައި 54،782 މެންބަރުން، ޕީޕީއެމްގައި 34،368 މެމްބަރުން، ޖުމްހޫރީ ޕާޓީގައި 20،139 މެންބަރުން އަދި އަދާލަތު ޕާޓީގައި 10،589 މެންބަރުން އެބަ ތިއްބެވެ.