ކުރީގެ ރައީސް އިބްރާހީމް ނާސިރުގެ ވެރިކަމުގައި ގދ. ތިނަދޫން މީހުން ބާލައި އެ ރަށް ފަޅުކޮށްލި ހާދިސާ އަށް މިހާރު 60 އަހަރެވެ. އެކަމަކު ބައި ގަރުނަށް ވުރެ ގިނަ ދުވަސް ފަހުން ވެސް ރާއްޖޭގައި މި ދަނޑުވަޅުގައި ހިނގާ އެންމެ މުހިއްމު އެއް ކަމަކީ އެ ހާދިސާ އިން ހައްގުތަކާ އިންސާފު ގެއްލުނު މީހުންނަށް އިންސާފު ހޯދައިދޭން މަސައްކަތް ފެށުމެވެ.
އެކަމާ ގުޅޭ ބަޔާންތައް ނެގުމުގެ މަސައްކަތް އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހުން މިހާރު އަންނަނީ ކުރަމުންނެވެ. ޓީވީން ލައިވް ވެސް ކުރާ ބަޔާންތަކުގައި ގިނަ ބަޔަކު ދަނީ ކަރުނަ އާއި ހިތްދަތިކަމުން ފުރިގެންވާ އެތައް ވާހަކައެއް ތިލަކޮށްދެމުންނެވެ.
މި ވާހަކަތައް މި ގޮތަށް ކިޔައި ދިނުމުގެ ކުރިން ތިނަދޫގެ ހާދިސާ ބޮޑު ސްކްރީނަށް ގެންނަން ރާއްޖޭގެ ޑައިރެކްޓަރަކު މަސައްކަތްކުރި ހަނދާން އެބަހުރި ދޯ އެވެ؟ ތިނަދޫން މީހުން ބޭލި ހާދިސާ އަށް ފިލްމެއް ހަދަން މީގެ ފަސް އަހަރު ކުރިން އިއުލާންކޮށް، އެ ފިލްމުގެ ނަމާއި ސްޓިލް/މޯޝަން ޕޯސްޓަރު ވެސް އާންމުކުރީ ކުރީގެ މަޝްހޫރު ޑައިރެކްޓަރު އަބްދުލް ފައްތާހެވެ. ވަރަށް ގިނަ ރިސާޗްތަކެއް ހަދައިގެން އަހުމަދު ޒަރީރު ލިޔުނު ސްކްރީންޕްލޭ އަށް ހަދަން އުޅުނު ފިލްމެއް ދިން ނަމަކީ "1962: ތެނަދޫ" އެވެ. މި ފިލްމު ހަދަން އުޅުނީ ތިނަދޫ ކައުންސިލާ ގުޅިގެންނެވެ.
ފިލްމު އިއުލާންކޮށް އޭގެ ކާސްޓުން ނަގަން އެކްޓިން ވޯކްޝޮޕްތަކެއް ވެސް ތިނަދޫގައި ކުރިއަށް ގެންގޮސް، ފިލްމަށް ކޮސްޓިއުމާއި ސެޓް ޑިޒައިނިން އާއި ވީއެފްއެކްސް މަސައްކަތްތައް ވެސް ކޮށްފައިވެ އެވެ. ކާސްޓުން ނެގުމުގެ މަސައްކަތުގައި އެންމެ އިސްކޮށް އުޅުނީ ފައިން އާޓްސްގެ ދާއިރާ އިން ރާއްޖޭގައި ހުރި އެންމެ ހުނަރުވެރި އެކަކު ކަމަށްވާ މުހައްމަދު މުންތަސިރު (މުންކޮ) އެވެ.
ފައްތާހުގެ ވަރަށް އުންމީދީ ޕްރޮޖެކްޓެއްގެ ގޮތުގައި "1962: ތެނަދޫ" ހަދަން ވަރަށް ފޯރި އާއި ޖޯޝްގައި މަސައްކަތް ކުރެވުނަސް، ވަކި ހިސާބަކުން އެކަން ޖެހުނީ ހުއްޓައިލާށެވެ. ފިލްމު ހުއްޓުވީ އޭރު އޮތް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުންނެވެ. ފިލްމު ހަދައިގެން ނުވާނެ ކަމަށް އެންގީ އުމަރު ނަސީރު ހުންނެވި ހޯމް މިނިސްޓްރީންނެވެ.

ތިނަދޫން މީހުން ބޭލި އަސަރު ގަދަ ހިތްދަތި ވާހަކަ ސްކްރީނަށް ގެނައުން ހުއްޓާލަން އަންގައި އުމަރު ތިނަދޫ ކައުންސިލަށާއި ފިލްމުގެ ޑައިރެކްޓަރަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ ފިލްމު ހުއްޓުވީ ""މުޖުތަމައުގައި ހަމަނުޖެހުން އުފެދުމަށް މަގުފަހިވެ އާންމުންގެ މެދުގައި އެއްބައިވަންތަކަން ގެއްލިގެންދާނެ ފިލްމެއް" ކަމަށް ގަބޫލުކުރެވޭތީ ކަމަށެވެ.
އެ ސިޓީއާ ގުޅިގެން ބޮޑެތި ފާޑުކިޔުންތަކެއް ވެސް އަމާޒުވި އެވެ. ފައްތާހު ބުނި ގޮތުގައި "1962: ތެނަދޫ" ސަރުކާރުން ހުއްޓުވީ ފިލްމަށް ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރެވި، ބޮޑު ހޭދައެއް ވެސް ކުރެވިފައި ވަނިކޮށެވެ. އެހެންވެ ލިބުނު ގެއްލުން މާލީ ގޮތުން ހިސާބުކުރުމަށް ވުރެ ފައްތާހް އަށް މައްސަލައަކަށްވީ "ކްރިއޭޓިވިޓީ" ދާއިރާ އަށް ސަރުކާރުން ފޯރުވި މާނައެއް ނެތް ބޭކާރު ނުފޫޒެވެ. އަދި އޭގެ ސަބަބުން އިންޑަސްޓްރީގެ އުފެއްދުންތެރި ކަމަށް އެރި ބުރުލެވެ.
ފިލްމު ހުއްޓުވައިލި ދުވަސްވަރު ކުރީގެ ރައީސް މުހައްމަދު ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "1962: ތެނަދޫ" ފަދަ ފިލްމުތައް ރާއްޖޭގައި ހަދަން ޖެހޭ ކަމަށެވެ.
Haqeeqai vanee haqeeqathah. Thinadhoo rayyithunah kurimathikuri bika haalakee Dhivehin ladhuvethi vaan jehey hithaamaeh. Film hadhan jehey.
— Mohamed Nasheed (@MohamedNasheed) June 13, 2016
"ހަގީގަތް ވާނީ ހަގީގަތަށް. "ތިނަދޫ ރައްޔިތުންނަށް ކުރިމަތި ކުރި ބިކަ ހާލަކީ ދިވެހިން ލަދުވެތި ވާން ޖެހޭ ހިތާމައެއް،" [1926 ތެނަދޫ] ފިލްމް ހަދަން ޖެހޭ،" ނަޝީދު ކުރެއްވި ޓުވީޓްގައި ވިދާޅުވި އެވެ.
އެ ފިލްމު ހަދަން އުޅުނީ ނަޝީދުގެ ވެރިކަމުގައިވި ނަމަ އެކަން ވީސް ކަމަޑް ބެލިދާނެ އެވެ.

އެކަމަކު މިހާރު ތިނަދޫން ބޭލި ހާދިސާއާ ބެހޭ ގޮތުން އާންމުން ދޭ ބަޔާންތަކުގައި އެ ދައްކާ ވާހަކަތަކާއި ފާޅުކުރާ ޝުއޫރުތަކުން އުމަރު ފިލްމު ހުއްޓުވަން ދެއްކެވި ބަހަނާއާ އެއްވެސް ފުށުމެއް އޮތްތޯ ވެސް ސުވާލުކޮށްލަން ޖެހެ އެވެ.
ހަގީގަތަކީ ޔާމިންގެ ސަރުކާރުން ހުއްޓުވާލީ ރާއްޖޭގައި ތާރީހީ ގޮތުން ކުރަން އުޅުނު ވަރަށް ވަރުގަދަ "ކްރިއޭޓިވް" މަސައްކަތެއްކަމެވެ. މި ބާވަތުގެ ފިލްމުތައް ރާއްޖޭގެ ސިނަމާ އަށް އަލަސް ދުނިޔޭގެ އެންމެ ވަރުގަދަ ދެ ފިލްމު އިންޑަސްޓްރީ ކަމަށްވާ ހޮލީވުޑާއި ބޮލީވުޑަކީ ކުރީގެ އެކިއެކި ހާދިސާތައް ފިލްމުތަކުގެ ގޮތުގައި ގެނެސްދޭން ވަރަށް ބޮޑަށް މަސައްކަތްކުރާ ދެ އިންޑަސްޓްރީ އެވެ. މިއީ ހަގީގަތުގައި ކުރިއަށް އޮތް ޖީލުތަކަށްޓަކައި ކުރެވޭ ވަރަށް އަގުހުރި މަސައްކަތެކެވެ.
އެހެންވެ "1962: ތެނަދޫ" ފިލްމު ސަރުކާރުން ހުއްޓުވުމަކީ ތާކުންތާކު ޖެހޭ ނިންމުމެއް ނޫނެވެ. ކަމެއް ކުރަން ހުރަސް އަޅަންވެއްޖެ ނަމަ ކިތަންމެ ބަހަނާއެއް ދެއްކި ދާނެ އެވެ.