އައްޑޫގައި ހަދަމުން އަންނަ ފުލުހުންގެ އެކަޑެމީ ހުޅުވުމުގެ ރަސްމިއްޔާތަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އައްޑު އަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި އެކެޑެމީ ހުޅުވަން ހަމަޖެހިފައި ވަނީ މި މަހުގެ 27 ގަ އެވެ.
އެނގިފައިވާ ގޮތުގައި އެކެޑެމީ ހުޅުވަން އަންނަ ހަފުތާގައި ކުރައްވާ ދަތުރުގެ ތެރެއިން ރައީސް ފުވައްމުލަކަށް ވެސް ވަޑައިގަންނަވާނެ އެވެ. ނަމަވެސް މި ދަތުރާ ބެހޭ އެއްވެސް މައުލޫމާތެއް ރަސްމީކޮށް އަދި ރައީސް އޮފީހުން ހާމައެއް ނުކުރެ އެވެ. ރައީސް އެންމެ ފަހުން އައްޑު އަށް ވަޑައިގެންނެވީ 2019 ގެ ތެރޭގަ އެވެ.
އައްޑޫގައި ހަދަމުން އަންނަ "ނެޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓް" އަކީ އިންޑިއާ ސަރުކާރުގެ އެހީގައި ހިންގާ މަޝްރޫއެކެވެ.
އައްޑޫ ޕޮލިސް އެކެޑެމީއާ ބެހޭ މުހިއްމު ބައެއް ކަންކަން:
* އެޑަކަމީ އަކީ ހިތަދޫގައި ހުރި ފުލުހުންގެ ޓްރެނިން ސްކޫލް ފެބްރުއަރީ 8، 2012 ގައި އަންދައިލުމާ ގުޅިގެން އިންޑިއާ ސަރުކާރުން ހިލޭ އެހީގެ ގޮތުގައި ހިންގައިދޭ މަޝްރޫއެއް
* އެކަޑަމީއެއް ހަދަން އެމްއޯޔޫއެއްގައި ސޮއިކުރީ ސެޕްޓެމްބަރު 26، 2012 ގައި
* ޕޮލިސް އެކެޑަމީ ހަދަން ރަސްމީކޮށް ނިންމިކަން އިއުލާންކުރީ އޭޕްރީލް 6، 2014 ގައި
* މަޝްރޫއު އިއުލާންކުރީ މަސައްކަތް ފަށާތާ 18 މަހުގެ ތެރޭގައި ނިންމާ ގޮތަށް
* އެކަޑަމީ ކައުންސިލުން ބިން ހަމަޖައްސައި ބިން ހަވާލުކުރީ 2016 ގެ ފަހުކޮޅު ކުރީކޮޅު
* ބިން ދޫކުރި ސަރަހައްދުގެ މޫދާވީ ފަޅިން ބައެއް ހިއްކައި، އެތަނުގައި ވަނީ ރިވެޓްމަންޓް ޖަހާފައިވޭ
* ޕޮލިސް އެކެޑެމީ އަށް އިންޑިއާ ސަރުކާރުން 18 މިލިއަން ޑޮލަރު ހޭދަކުރޭ
* މި މަޝްރޫއުގެ ކޮންޓްރެކްޓަރަކީ އިންޑިއާގެ ސްރީ އަވަންތިކާ ކޮންޓްރެކްޓާސް ލިމިޓެޑް
* ޕޮލިސް އެކަޑަމީގެ އަމަލީ މަސައްކަތް ފެށީ 2017 ގައި
* ޕޮލިސް އެކަޑަމީގައި ހުންނާނެ ވަސީލްތަކުގެ ތެރޭގައި ފެންވަރު ރަނގަޅު އެކޮމެޑޭޝަން ބްލޮކްތަކާއި މެޑިކަލް ހިދުމަތް ދޭނެ ކްލިނިކާއި ޕީޓީ ގްރައުންޑާއި ހެލިޕޭޑާއި ޓްރެއިނިން ސެންޓަރާއި 800 މީހުންގެ ޖާގައިގެ ޖިމަކާއި ފުޓްބޯޅަ ދަނޑަކާއި ބާސްކެޓް ކޯޓަކާއި ޓެނިސް ކޯޓާއި 400 މީޓަރުގެ ޓްރެކާއި 340 މީހުންގެ އޮޑިޓޯރިއަމަކާއި 40 މީހުންގެ ޖާގަ ހިމެނޭ ގޮތަށް 320 މީހުންނަށް ކިޔަވައިދެވޭ ގޮތަށް އަށް ކްލާސްރޫމް ފަދަ ވަސީލަތްތައް ހިމެނޭ
ފޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވެފައިވާ ގޮތުގައި ޕޮލިސް އެކަޑެމީ މި މަހު ހުޅުވަން ނިންމާފައި ވަނީ އެތަނުގައި ބޭނުންކުރެވޭ ވަރަށް މިހާރު މަސައްކަތް ނިމިފައިވާ ބައިތަކާ އެކީގަ އެވެ. އެގޮތުން ތަން ހުޅުވައި މި މަހުން ފެށިގެން ބޭނުންކުރަން ފަށާ ގޮތަށް ހަމަޖެހިފައިވެ އެވެ.