ޓެކްސީ ޑްރައިވަރު ޤާސިމް ހަސަން މަރާލި މައްސަލައިގައި ދައުވާލިބޭ އަދުހަމް މުހައްމަދާ ދެކޮޅަށް ހެކިބަސް ނަގަންފަށައިފިއެވެ.
ޓެކްސީ ޑްރައިވަރު ޤާސިމް މަރާލި މައްސަލައިގެ އަޑުއެހުމެއް މިއަދު ކްރިމިނަލް ކޯޓުގައި ބާއްވާފައިވާއިރު މިމައްސަލަ މީގެކުރިން ބެއްލެވި ގާޒީ ވަނީ ބަދަލުވެފައެވެ. އެގޮތުން އެ މައްސަލަ މިހާރު ބައްލަވަނީ ގާޒީ އަލީ ނަދީމެވެ.
މީގެކުރިންވެސް އެކި އަޑުއެހުންތަކުގައި އަދުހަމްވަނީ ޤާސިމް މަރާލި ކަމަށް އެއްބަސްވެފައެވެ. އެހެންނަމަވެސް އެއީ ގަސްދުގައި ކުރިކަމެއް ނޫންކަމަށް ބުނެފައިވެއެވެ. މިއަދުގެ އަޑުއެހުމުގައިވެސް އަދުހަމް ބުނެފައިވަނީ ގާސިމް މަރުވީ އޭނާގެ އަތުން ކަމަށާއި، އެހެންނަމަވެސް އެއީ ގަސްދުގައި ކުރިކަމެއް ނޫން ކަމަށެވެ.
މިއަދުގެ އަޑުއެހުމުގައި އަދުހަމް ވަނީ ކުށަށް އިއުތިރާފްވެއްޖެނަމަ އަދަބަށް ލުޔެއް ލިބޭނެތޯ ސުވާލު ކޮށްފައެވެ. މިކަމާ ގުޅިގެން މައްސަލަ ބައްލަވާ ގާޒީ ވިދާޅުވީ، ޝަރީއަތް ފެށޭ ހިސާބުން ވެސް ކުށަށް އިއުތިރާފް ވެވޭނެ ކަމަށާއި އެހެންނަމަވެސް މި މަރުހަލާގައި އަދަބު ލުއިކޮށް ނުދެވޭނެ ކަމަށެވެ. އަދި އަދަބު ލުއިވާނީ އިބްތިދާއީ މަރުހަލާގައި އިއުތިރާފް ވުމުން ކަމަށެވެ.
މިއަދުގެ އަޑުއެހުމުގައި ވަނީ މިމައްސަލައިގައި އަދުހަމާ ދެކޮޅަށް ދައުލަތުން ހުށަހަޅާފައިވާ ހެކިންގެ ތެރެއިން ތިން ހެއްކެއްގެ ހެކިބަސް ނަގާފައެވެ. އެއީ އެ ސީނަށްދިޔަ ދެ ފޮރެންސިކް ފުލުހަކާއި އެ ހާދިސާ ހިނގިއިރު ކުޑަ ކުއްޖެކެވެ. ދެ ފޮރެންސިކް ފުލުހުންގެ ހެކިބަސް ނެގިއިރު، ތިން ވަނަ މީހާ ހެކިބަސްދީފައިވަނީ ސިއްރު އަޑުއެހުމެއްގައެވެ.
މައްސަލަ ބައްލަވާ ގާޒީ ވިދާޅުވީ މިމައްސަލައިގައި ނަގަންޖެހޭ ހެކިބަސްތައް އަންނަ މަހު އެއްކޮށް ނަގައި ނިންމާލާނެ ކަމަށެވެ.
ޓެކްސީ ޑްރައިވަރު ގާސިމް މަރާލާފައި އޮށްވާ ފެނުނީ 2019 ޑިސެމްބަރު ހަތަރުވަނަ ދުވަހު އެވެ.