Last Updated: June 27, 17:04
Saturday, June 27, 2026
ޚަބަރު

ގައުމީ އިނާމާ ބެހޭ އާ ކޮމިޓީއާ ރައީސް ބައްދަލުކޮށްފި

އަލަށް އެކުލަވާލި ގައުމީ އިނާމާ ބެހޭ ކޮމިޓީއާ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙް މިއަދު ބައްދަލުކުރައްވައިފި އެވެ.

މިއަދު ހެނދުނު ރައޫސް އޮފީހުގައި ބޭއްވި އެ ބައްދަލުކުރެއްވުމުގައި، ރައީސް ވަނީ ކުރީގެ ކޮމިޓީގައި ހިމެނިވަޑައިގެންނެވި ބޭފުޅުން ކޮށްދެއްވި މަސައްކަތްތައް ފާހަގަކުރައްވައި، އެބޭފުޅުންނަށް ޝުކުރު ވެސް އަދާކުރެއްވި އެވެ.

ރައީސް ވިދާޅުވީ އިނާމު ކޮމިޓީ އަށް އަލަށް ހަމަޖެއްސެވި ބޭފުޅުން ހަމަޖެއްސެވުމުގައި، އެކި ރޮނގުތަކުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅުންނަށް އިސްކަންދެއްވި ކަމަށެވެ. އަދި ކޮމިޓީގެ މަސައްކަތް ކުރިއެކޭ ވެސް އެއްގޮތަށް ވީހާ ވެސް ހަމަހަމަކަމާ އެކު ކުރިއަށް ގެންގޮސް ދެއްވުމަށް އެދިވަޑައިގެންނެވި އެވެ.
ހަމައެއާ އެކު، އިނާމު ލިބިވަޑައިގަންނަވާ ބޭފުޅުންނަކީ މުޖުތަމަޢަށް ނަމޫނާ ބޭފުޅުންނަށް ވާން ޖެހޭނެތީ، މިކަމަށް އިސްކަން ދެއްވުމަށް ވެސް އެ މަނިކުފާނު އެދިވަޑައިގެންނެވި އެވެ.

ކޮމިޓީގެ ޗެއާޕާސަން ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ އަނީސާ އަހުމަދު ވަނީ ކޮމިޓީގެ މަސައްކަތްތަކަށް ރައީސް ދެއްވާ އަހައްމިއްޔަތު ފާހަގަކުރައްވައި ޝުކުރު އަދާކުރެއްވި އެވެ.