Last Updated: June 30, 04:35
Monday, June 29, 2026
ސިޔާސީ

ޕީޕީއެމްގެ ޕްރައިމެރީން މަރާ ބޭރު!

މާދަމާ ބާއްވާ ޕީޕީއެމްގެ ޕްރައިމަރީގައި ފޭދޫގެ ޕީޕީއެމްގެ ގިނަ މެމްބަރުންގެ ތާއިދު އޮތް އަދި ޕްރައިމަރީ ކާމިޔާބް ކުރާނެ ކަމަށް ބޮޑަށް ބެލެވޭ އަހުމަދު މަރުޒޫގު (މަރާ) އަށް ވާދަ ނުކުރެވޭ ގޮތަށް ޕީޕީއެމުން ހަދައިފި އެވެ.

ފޭދޫގެ ޕްރައިމަރީ އަށް ބޮޑު ހަރަދެއްކޮށް މާދަމާގެ ޕްރައިމަރީ އަށް ތައްޔާރުވެފައި ވަނިކޮށް އެންމެ ފަހު ވަގުތު ޕާޓީން ވަނީ މަރުޒޫގަށް ވާދަ ނުކުރެވޭ ގޮތަށް ހަދައިފަ އެވެ.

މަރުޒޫގު މިއަދު "އައްޑޫ ލައިވް" އަށް ވިދާޅުވީ އޭ ނާއަށް ޕާޓީގެ ޕްރައިމަރީގައި ވާދަ ނުކުރެވޭ ގޮތަށް ނިންމާފައި ވަނީ ވަރަށް ބޭއިންސާފުން ކަމަށެވެ. އަދި އެކަމަށް ޕާޓީއަކުން ސަބަބެއް ބުނެ ދެވިފައި ނުވާ ކަމަށެވެ.

"މީގެ އެންމެ ދެރަ މައްސަލައަކީ މާދަމާ މިއޮތީ ޕްރައިމަރީ. ވާދަ ކުރަން ފޯމު ހުށަހަޅައި، ކެމްޕެއިން ކުރަމުން ގޮސް އިއްޔެ ކެންޑިޑޭޓްގެ ނަންބަރު ގުރއަތަށްވެސް ޕާޓީ އޮފީހުންއެންގި. އޭގެ ފަހުން ދެން އެނގުނީ ވާދަ ނުކުރެވޭކަން." މަރުޒޫގު ވިދާޅުވި އެވެ.

ނިމިގެން ދިޔަ ރިއާސީ އިންތިހާބްގެ ޕީޕީއެމް ފޭދޫގެ ކެމްޕެއިން މެނޭޖަރަކީ ވެސް މަރުޒޫގެވެ. އަދި ކައުންސިލް އިންތިހާބްގެ ވެސް ޕީޕީއެމް ފޭދޫ އިލެކްޝަން އެޖެންޓަކީ ވެސް މަރުޒޫގެވެ.

މަރުޒޫގު ވަނީ ޕީޕީއެމް ރިއާސީ ކެންޑިޑޭޓް ހޮވުމަށް ފަންޑް ރައިޒްކޮށް ގިނަ ހަރަދުތަކެއްކޮށްފަ އެވެ.

"އައްޑޫ ލައިވް" އަށް އެނގިފައިވާ ގޮތުގައި މަރުޒޫގަށް ޕްރައިމަރީގައި ވާދަ ނުކުރެވޭ ގޮތަށް ނިންމީ އޭނާ އާ ގުޅޭ ގޮތުން ހަގީގަތާ ހިލާފް ވާހަކަތަކެއް ޕާޓީގެ ކައުންސިލަށް ހުށަހަޅައިގެންނެވެ.

ނަމަވެސް އެކަމާ ގުޅޭ ގޮތުން އިއްޔެ އިން ފެށިގެން ޕީޕީއެމްގެ ކައުންސިލްގެ ބަހެއް ހޯދުމަށް ކުރި މަސައްކަތް އަދި ވަނީ ކާމިޔާބްވާ ގޮތް ނުވެފަ އެވެ.

11

ޕީޕީއެމް ފޭދޫގެ ބައެއް އާއްމު މެމްބަރުން ބުނީ މަރުޒޫގަށް ޕްރައިމަރީގައި ވާދަ ނުކުރެވޭ ގޮތަށް ހެދުމުގެ ސަބަބުން ފޭދޫ ޕީޕީއެމް އަށް ބޮޑު ލޮޅުން ތަކެއް އަރާނެ ކަމަށެވެ. އަދި އެކަމުގެ ސަބަބުން މަޖުލިސް ގޮނޑި ޕީޕީއެމަށް ގެއްލުން ކައިރި ކަމަށެވެ.

ޕީޕީއެމް ބައެއް މެމްބަރުން އަދި ބުނީ މަރުޒޫގު އާ ބެހޭ ގޮތުން ކައުންސިލަށް ހުށަހަޅާފައި ވަނީ އޭނާއަކީ އެމްޑީޕީ މެމްބަރެއް ކަމަށް ބުނެ ހުށަހަޅައިގެން އުޅޭ މައްސަލައެކެވެ. އޭނާގެ ނަން އެމްޑީޕީގެ ދަފުތަރުގައި އޮވެ އެވެ.

ނަމަވެސް އޭނާ ވަނީ ޕީޕީއެމްގެ މެމްބަރެއްގެ ގޮތުގައި ޕީޕީއެމަށް ގިނަ ހިދްމަތްތަކެއްކޮށް ދީފަ އެވެ.

12

މަރުޒޫގަށް ޕްރައިމަރީގައި ވާދަ ނުކުރެވޭ ގޮތަށް ނިންމުމާ ގުޅިގެން އޭނާ އަށް ތާއިދު ކުރާ ޒުވާނުންތަކެއް ރޭ ވަނީ ނުރުހުން ފާޅުކޮށް އޭނާއަށް އިންތިހާބްގައި ވާދަ ކުރެވޭނެ ގޮތް ހެދުމަށް އަޑު އުފުލުމުގެ ގޮތުން ފޭދޫގައި ސައިކަލް ބުރެއް ބާއްވާ ފައެވެ. އަދި އެފަދަ އިތުރު ބުރެއް މިއަދު ހަވީރު ވެސް ބޭއްވުމަށް ޒުވާނުން އަންނަނީ ތައްޔާރުވަމުންނެވެ.

"އަޅުގަނޑުމެން މި މަސައްކަތް ކުރަނީ މަރާއަށް ޕްރައިމަރީގައި ވާދަ ކުރެވޭނެ ގޮތެއް ވޭތޯ. ޕީޕީއެމް ކައުންސިލުން އަޅުގަޑުމެންގެ އަޑު ފޮނުވަން ބޭނުން، އަޅުގަނޑުމެން ބޭނުމީ މަރާ އާއި އެކު ގޮސް ފޭދޫ ގޮނޑި ޕީޕީއެމަށް ކާމިޔާބްކޮށް ދިނުމަށް." މަރުޒޫގަށް ތާއިދު ކުރާ ޒުވާނަކު ބުންޏެވެ.