Last Updated: July 18, 17:34
Saturday, July 18, 2026
ކުޅިވަރު

ބާސާ އިން ރެއާލް ލަދުގަންނަވާލައިފި

ސްޕެނިޝް ލީގުގައި މިރޭ ބާސެލޯނާ އިން ރެއާލްގެ ދަނޑުގައި އެޓީމުގެ މައްޗަށް 4-0 އިން ކުރި ހޯދައިފި އެވެ.

މިއީ 2019 ވަނަ އަހަރުގެ މާޗު މަހަށްފަހު ބާސާ އަށް ރެއާލްގެ މައްޗަށް ކުރި ހޯދުނު ފުރަތަމަ ފަހަރެވެ. އެންމެފަހުން ބާސާ އިން ރެއާލްގެ މައްޗަށް ކުރި ހޯދީ 1-0 ގެ ނަތީޖާއަކުންނެވެ.

މި މޮޅާއެކު ބާސާ އޮތީ 28 މެޗުން ލިބުނު 54 ޕޮއިންޓާ އެކު ލީގުގެ ތިންވަނައިގަ އެވެ. ރެއާލް އޮތީ 29 މެޗުން ލިބުނު 66 ޕޮއިންޓާ އެކު ލީގުގެ އެއްވަނައިގަ އެވެ. ދެވަނައިގައި 29 މެޗުން ލިބުނު 57 ޕޮއިންޓާ އެކު އޮތީ ސެވިއްޔާ އެވެ.

ބާސާގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި އެޓީމުން ޖެހި ފުރަތަމަ ގޯލު މެޗުގެ 29 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ޕިއޭ އެމެރިކް އޮބާމަޔަން އެވެ. އޮބާމަޔަން މި ގޯލު ކާމިޔާބުކުރީ ޑެމްބެލޭ ނަގައިދިން ހުރަހެއް ބޮލުން ގޯލުގެ ކަނަށް އަމާޒުކޮށްލައިގެންނެވެ.

ނަތީޖާ އެއްވަަރުކޮށްލަން ރެއާލްގެ ވިނިޝަސް ޖޫނިއާ އަށް ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވިއިރު، މެޗުގެ 38 ވަނަ މިނެޓްގައި ރޮނަލްޑް އަރައުހޯ ވަނީ ބާސާގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީފަ އެވެ. އަދި ދެވަނަ ހާފް ފެށިގެން މާގިނަ އިރުތަކެއް ނުވަނީސް އޮބާމަޔަން ދިން ޕާހަކުން ފެރަން ޓޮރޭސް ވަނީ ބާސާގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދީފަ އެވެ.

މި ގޯލަށްފަހު ވެސް ބާސާ އިން ރެއާލްގެ ފަހަތަށް ދިޔައީ ބާރުބޮޑު ކުރަމުންނެވެ. ނަތީޖާއެއްގެ ގޮތުން ޓޮރޭސް ދިން ޕާހަކުން މެޗުގެ 51 ވަނަ މިނެޓްގައި އޮބާމަޔަން ވަނީ ބާސާގެ ހަތަރުވަނަ ގޯލު ކާމިޔާބުކޮށްދީ ލީޑު އިތުރަށް ފުޅާކޮށްފަ އެވެ.

ދެވަނަ ހާފްގައި ބާސާ އިން ކާމިޔާބުކުރި ދެ ގޯލަށްފަހު ވެސް އެޓީމަށް ވަނީ ގޯލުޖަހާނެ އިތުރު ރަނގަޅު ފުރުސަތުތަކެއް ލިބިގެން ގޮސްފައެވެ. ނަމަވެސް އޮބާމަޔަން ފޮނުވާލި ނުރައްކާތެރި ހަމަލާއެއް ގޯލާ އަމާޒު ނުވެ ބޭރަށް ދިޔައިރު ޓޮރޭސް އަދި މެމްފިސް ޑެޕާއި ފޮނުވާލި ހަމަލާތައް ދިފާއުކުރީ ރެއާލްގެ ކީޕަރު ތިބޯ ކޯޓުއާ އެވެ.

ދެވަނަ ހާފްގައި ރެއާލް އިން ބާސާގެ ގޯލަށް ނުރައްކާ ކުރަން މަސައްކަތް ކުރި ނަމަވެސް އެޓީމަށް ވަނީ ބާސާގެ ޑިފެންސް ފޫއަޅުވާލެވޭ ގޮތް ނުވެފަ އެވެ.

މިއީ ބާސާ އިން ބަލިނުވެ ފުރިހަމަ ކުރި 12 ވަނަ މެޗުކަން ފާހަގަކޮށްލެވެ އެވެ. އަނެއްކޮޅުން މިއީ ހަތް މެޗަށްފަހު ލީގުގައި ރެއާލް ބަލިވި ފުރަތަމަ މެޗެވެ.