"އިންޑިއާ އައުޓް" ކެމްޕޭންގެ ތެރެއިން "ނޭވާ ހޮޅިއަށް" ގެ ނަމުގައި އަންނަ ހުކުރު ދުވަހު ބޮޑު ހަރަކާތެއް ބާއްވަން އިދިކޮޅު ކޯލިޝަނުން ތައްޔާރުވަމުން ދަނިކޮށް އެ ހަރަކާތް ނުބޭއްވޭނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވުމާ ގުޅިގެން ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ފާޑުވިދާޅުވެއްޖެ އެވެ.
އޭނާ ކުރެއްވި ޓްވީޓެއްގައި އިމްރާން ޓެގްކުރައްވައި ވަނީ "ފުލުހުންގެ ޒިންމާގެ ތެރެއަށް ހޯމް މިނިސްޓަރު ވަދެގަތުމުގެ އިހުތިޔާރެއް ނުލިބޭ" ކަމަށް ވިދާޅުވެފަ އެވެ.
"ރާއްޖޭގައި ހިންގާނީ ޤާނޫނުގެ ސިޔާދަތު. ޞުލްޙަވެރި އިޙްތިޖާޖަކީ އަސާސީ ހައްގެއް. އިމްރާނަށް ޤާނޫނު ނޭނގުމަކީ ރައްޔިތުންގެ މައްސަލައެއް ނޫން،" ޖަމީލު ވިދާޅުވި އެވެ. "ފުލުހުންގެ ޒިންމާގެ ތެރެއަށް ވަދެގަތުމުގެ އިޚްތިޔާރެއް ނުލިބޭ. ޤާނޫނީ ރައްކާތެރިކަން އިޙްތިޖާޖުތަކަށް ލިބިގެންވޭ."
"އިންޑިއާ އައުޓް" ހަރަކާތް ނުބޭއްވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އިމްރާން ވިދާޅުވީ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
މިނިސްޓަރ ވިދާޅުވީ އަންނަ ހުކުރު ދުވަހު ބާއްވާ ހަރަކާތާ ގުޅޭ ގޮތުން އިދިކޮޅު ފަރާތްތަކާ ވާހަކަ ދައްކާފައިވާނެ ކަމަށާއި ގާނޫނާއި ގަވާއިދާއި ހިލާފަށް އެފަދަ ހަރަކާތެއް ނުހިންގޭނެކަން އަންގާފައި ވާނެ ކަމަށެވެ.
"އަޅުގަނޑުމެން ވާނެ 241 ކޮމެޓީއާއެކު ބައްދަލުވުމެއްވެސް ބާއްވާފަ. އެކަމުގަ ފުލުހުންގެ ތެރެއިން ގާނޫނުތަކާއި ގަވާއިދުގެ މައްޗަށް ބިނާކޮށް އެޅެން ހުރި ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ކުރެވެމުންދޭ،" އިމްރާން ވިދާޅުވި އެވެ. "އަޅުގަނޑު ހިތުން މިމަހުގެ 25ވަނަ ދުވަހުގަވެސް ތިފަދަ ހަރަކާތެއް ރާވާ ހިންގަމުންދާ ކަމުގެ މައުލޫމާތު އެބަވޭ ލިބިފަ. އަދި އެ ބޭފުޅުންނާއިއެކު ވާހަކަ ދެކެވިފަވޭ. ގާނޫނާއި ގަވާއިދާއި ޚިލާފަށް އެފަދަ ކަމެއް ނުހިންގޭނެކަން މިހާރު ވާނެ އެ ބޭފުޅުންނަށް ދެންނެވިފަ."
ހޯމް މިނިސްޓަރުގެ އެ ވާހަކަތަކާ ގުޅިގެން އެކަން ކުށްވެރިކޮށް އިއްޔެ ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ވެސް ބަޔާނެއް ނެރެ ބުނެފައި ވަނީ އެއީ ހިޔާލު ފާޅުކުރުމުގެ ހައްގަށް އަރައިގަތުން ކަމަށެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްކޮށް ހުންނަވައިގެން ހިންގަވާ "އިންޑިއާ އައުޓް" ހަރަކާތް ހުއްޓުވަން ޖެހޭ ކަމަށް ރައްޔިތުމްގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ގެންދަވަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ. ނަޝީދު ވިދާޅުވާ ގޮތުގައި އެ ހަރަކާތަކީ ރާއްޖެ އަށް އެތައް ގެއްލުމެއް ލިބިދާނެ ކަމެކެވެ.
"އިންޑިއާ އައުޓް" ހަރަކާތަކީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބާލަން ގޮވައިލާ ކެމްޕޭނެކެވެ.