Last Updated: June 13, 21:28
Saturday, June 13, 2026
ޚަބަރު

ހުޅުމާލެއިން ގޯތި ދޭނެ ސަރަަހައްދު ކަނޑައަޅައިފި

މިނިސްޓަރު މުހައްމަދު އަސްލަމް-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ހުޅުމާލެއިން މާލޭގެ ރައްޔިތުންނަށް ދިނުމަށް ނިންމާފައިވާ ގޯތި ދޭނެ ސަރަހައްދު ކަނޑައަޅާފައިވާ ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އީވާ އަބްދުﷲ ކުރެއްވި ސުވާލަށް ލިޔުމުން ފޮނުވާފައިވާ ޖަވާބުގައި މިނިސްޓަރު އަސްލަމް ވިދާޅުވެފައިވަނީ، ހުޅުމާލެއިން 1000 ގޯތި ދޫކުރުމަށްޓަކައި ގޯތި ދޭނެ ސަރަހައްދުތައް ކަނޑައަޅާ ޗާޓުތައް ކުރެހިފައިވާކަމަށެވެ. އަދި އެ ސަރަހައްދުގެ މަގުތައްހަދާ ފެނާ ނަރުދަމާ އަދި ކަރަންޓުލުމަށް ކަމާ ގުޅުންހުރި އިދާރާތަކާ މަޝްވަރާ ކުރެވި ތާވަލެއް ހުށަހެޅުމަށް ދެންނެވިފައިވާކަމަށްވެސް މިނިސްޓަރު އަސްލަމް ވިދާޅުވިއެވެ.

"ގޯތި ދޫކުރާނެ ފަރާތްތަކަށް ގޯތި ދޫކުރާނެ އުސޫލު އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، ގޯތި ދިނުމަށް ކަނޑައަޅާ އުސޫލާ އެއްގޮތަށް ގޯތި ބޭނުންވާ ފަރާތްތަކަށް އެޕްލިކޭޝަނަށް ހުޅުވާލެވޭނެ." ލިޔުމުން ފޮނުވާފައިވާ ޖަވާބުގައި މިނިސްޓަރު އަސްލަމް ވިދާޅުވިއެވެ.

މިމަސައްކަތް މިއަހަރުގެ ޖޫންގައި ނިމޭނެކަމަށްވެސް މިނިސްޓަރު އަސްލަމް ވިދާޅުވެފައިވެއެވެ.

މީގެއިތުރުން ގުޅީފަޅުން ދޫކުރާ 2000 ގޯއްޗާއި ގުޅޭގޮތުން މިނިސްޓަރު އަސްލަމް ވިދާޅުވީ އެ މަސައްކަތަށް ބޭނުންވާ ލޭންޑް ޔޫޒް ޕްލޭން ހަދާ ބިން ހިއްކުމުގެ މަސައްކަތުގެ ތައްޔާރީތައް ކުރިއަށްދަމުން އަންނަކަމަށެވެ. އަދި މިމަސައްކަތަށް ބޭނުންވާ ފަންޑިން ހަމަޖެއްސުމަށް ލޯން އެގްރިމަންޓް ކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށެވެ.

ގިރާވަރު ފަޅުން ދިނުމަށް ނިންމާފައިވާ 2000 ގޯއްޗާ ގުޅޭގޮތުން ވިދާޅުވީ، ބިން ހިއްކުމައްޓަކައި ކުރަންޖެހޭ ޕްލޭންތައް ކުރެވެމުން އަންނަކަމަށެވެ. އަދި މިމަސައްކަތަށް ބޭނުންވާ ފަންޑިންގްސް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށްވެސް ވިދާޅުވިއެވެ.

މިއަހަރު ރައްޔިތުންގެ މަޖިލިސް ހުޅުވައިދެއްވާ ދެއްވި ރިޔާސީ ބަޔާނުގައި ރައީސް ސޯލިހް ވިދާޅުވީ، މާލޭގެ ރައްޔިތުންނަށް ހުޅުމާލެއިން މަދުވެގެން 1000 ގޯތި، ގުޅީފަޅުން މަދުވެގެން 2000 ގޯތި ދޭނެކަމަށެވެ. މީގެއިތުރުން ރައީސް ސޯލިހް ވިދާޅުވީ، ގިރާވަރު ފަޅު ހިއްސާ އެބިމުން މަދުވެގެން 2000 ގޯތި މާލެ ރައްޔިތުންނަށް ދޭނެކަމަށެވެ.

"އިރާދަ ކުރެއްވިއްޔާ އަޅުގަނޑުގެ ރިޔާސީ މިދައަރު ނިންމާނީ އެންމެބޭނުން ޖެހިފައިވާ މާލޭގެ ރައްޔިތުންނަށް އިންވަކިކޮށް، ރޯނުދަމާ، ބިންކަނޑާ، ގޯތީގެ ފަތް ދިނުމަށްފަހު." ރައީސް ސޯލިހް ވިދާޅުވިއެވެ.