Last Updated: July 18, 17:34
Saturday, July 18, 2026
ޚަބަރު

ފޭދޫގައި ދެވަނަ ފުޓްސަލް ދަނޑެއް އަޅަނީ

ފޭދޫގައި އެޅި ފުރަތަމަ ފުޓްސަލް ދަނޑު.

އައްޑޫ ފޭދޫގައި އަޅަން ނިންމާފައިވާ ދެވަނަ ފުޓްސަލް ދަނޑަށް ބޭނުންވާ ތަކެތި ވެސް މިހާރު ލިބިއްޖެ ކަމަށާއި އެ މަސައްކަތް ދެން ވަރަށް އަވަހަށް ފެށޭނެ ކަމަށް ފޭދޫ ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެ އެވެ.

ފޭދޫގައި އަޅާ ދެވަނަ ފުޓްސަލް ދަނޑު އަޅަން ހަމަޖެހިފައި ވަނީ މަގުއްދޫ ދާއިރާގަ އެވެ. އެކަމަކު ފުޓްސަލް ދަނޑު އަޅާނެ ބިމެއް އަދި ހަމަޖެހިފައެއް ނުވެ އެވެ.

އެކަމާ ގުޅުވައިގެން ނިހާދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ ދާއިރާގައި އަޅުއްވަން ވައުދުވެވަޑައިގަތް ފުޓްސަލް ދަނޑަށް ބޭނުންވާ ޓާފާއި ރަބަރު މިހާރު ލިބިއްޖެ ކަމަށެވެ.

"…ބާކީ ހުރި މަސައްކަތްތަކަށް ވަރަށް އަވަހަށް ގޮތެއް ހޯދޭނެ،" އޭނާ ވިދާޅުވި އެވެ. "ކައުންސިލުން މިކަމަށް ބިމެއް ދޭނެ ކަމަށް ޔަގީންކުރަން." ނިހާދު ވިދާޅުވި އެވެ.

ފޭދޫ މާދެލަ އަވަށުގައި މީގެ ކުރިން ވަނީ ފުޓްސަލް ދަނޑެއް އަޅައިފަ އެވެ. އެއީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފުޓްސަލް ދަނޑުތައް އަޅަން އެންމެ ފުރަތަމަ ހިންގެވި މަޝްރޫއުގެ ތެރެއިންނެވެ. އެގޮތުން އެ ދަނޑު އެޅީ ފޭދޫގެ ގަމާވީ ފަޅީގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އެޅި ހައުސިން ޔުނިޓްތައް ކުރިމަތީގަ އެވެ. އެ ސަރަހައްދަކީ ޓާފް އަޅައިގެން ފޭދޫގެ ރަސްމީ ބޯޅަދަނޑު ވެސް ހަދާފައި އޮތް ސަރަހައްދެވެ.

ފޭދޫގެ ފުރަތަމަ ފުޓްސަލް ދަނޑު ހުޅުވީ ޖުލައި 24، 2014 ގަ އެވެ.