އައްޑޫ ފޭދޫގައި ހަދަން ނިންމާފައިވާ ދެވަނަ ފުޓްސަލް ދަނޑު އަޅަން ބޭނުންވާ ބިން ވަރަށް އަވަހަށް ހަމަޖެހޭނެ ކަމަށް ފޭދޫ މަގުއްދޫ ދާއިރާގެ ކައުންސިލަރު އައިމިނަތި ސަލްމާ މިއަދު ވިދާޅުވެއްޖެ އެވެ.
އެ ދަނޑު އަޅަން ނިންމާފައި އޮތީ ވެސް ސަލްމާ ތަމްސީލުކުރައްވާ ދާއިރާގަ އެވެ. ފޭދޫގެ މާދެލަ އަވަށުގައި 2014 ގައި ފުޓްސަލް ދަނޑެއް ސަރުކާރުން ހަދާފައިވެ އެވެ.
ފޭދޫގައި ހަދަން ނިންމާފައިވާ ދެވަނަ ފުޓްސަލް ދަނޑާ ބެހޭ ގޮތުން އެ ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު ނިހާދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެކަމަށް ބޭނުންވާ މައިގަނޑު ސާމާނު ވެސް މިހާރު ލިބިފައިވާ ކަމަށާއި ވަރަށް އަވަހަށް ބިން ވެސް ހަމަޖެހޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
Alhamdhulillaahi!
Alhugandu ge dhaairaa magudhdhoo avashugai elhumah vaudhu vi footsal dhandu elhumah beynun vaa turf aai rubber libijje! Maaih Allah ge Iraadhafulhaai eku Baakee huri masakkathah Varah avahah gotheh hoadheyne! Council in mikamah bimeh dheyne kamah yageen kuran! pic.twitter.com/gj63uFstNk
— Feydhoo Meehaa (Mohamed Nihad) (@nihad_m) March 20, 2022
ސަލްމާ "އައްޑޫ ލައިވް" އަށް ވިދާޅުވީ ފޭދޫން ހިއްކާފައިވާ ބިމުން ރަށުގެ ފުއްޓަރު ފަރާތުގެ ދިމާއަކުން ފުޓްސަލް ދަނޑަށް ބިން ކަނޑަން ހަމަޖެހިފައިވާ ކަމަށެވެ. އަދި މިހާރު އައްޑޫ ލޭންޑް ޔޫޒް ޕްލޭނަށް އާންމުންގެ ހިޔާލު ހޯދުމުގެ ބައްދަލުވުންތައް ކުރިއަށްދާ އިރު، ބުރާސްފަތި ދުވަހުގެ ރޭ ފޭދެ ބައްދަލުވުމުގައި ވެސް ފުޓްސަލް ދަނޑުގެ ބިމާ ބެހޭ ގޮތުން މަޝްވަރާކޮށް ހިލާޔު ހޯދޭނެ ކަމަށް ވިދާޅުވި އެވެ.
"މަގުއްދޫ ދާއިރާގައި ފުޓްސަލް ދަނޑެއް ހެދުމަކީ އަޅުގަނޑު ވެސް ކެމްޕޭންކުރި އިރު ޒުވާނުންގެ ގާތުގައިވެފައި އޮތް ވައުދެއް. އަދި ހަމައެއާ އެކު ފޭދޫގެ މިހާރުގެ އާބާދީ އަށް ބަލާ އިރު ޒުވާނުންނަށް އިތުރު ޕިޗެއް ބޭނުންވެފައި އޮތީ ވެސް،" ސަލްމާ ވިދާޅުވި އެވެ. "އެހެންވީމަ ދެވަނަ ޕިޗެއް ހެދުމަކީ ވަރަށް މުހިއްމު ކަމެއް. އަދި ޒުވާނުން ވަރަށް ބޮޑަށް ބޭނުންވެފައި އޮތް ކަމެއް."
އޭނާ ވިދާޅުވި ގޮތުގައި އެ މަސައްކަތަށް ބޭނުންވާ ތަކެތި ލިބިފައިވާ ކަމަށް މެމްބަރު ނިހާދު ވިދާޅުވުމަކީ ލިބިވަޑައިގަތް ވަރަށް ބޮޑު އުފަލެކެވެ.
"އެހެންވީމަ އުންމީދަކީ ލޭންޑް ޔޫޒް ޕްލޭން ނިންމައި އެ ފާސްވިހާ އަވަހަކަށް ފުޓްސަލް ދަނޑުގެ މަސައްކަތް ފެށުން. ބަލަމާ ގާތްގަނޑަނޑަށް ހަތަރު މަސް ވަރަކަށް ދުވަހުގެ ތެރޭގައި އަމަލީ މަސައްކަތާ ހަމައަށް ދެވޭނެ ކަމަށް،" ސަލްމާ ވިދާޅުވި އެވެ. "ޔަގީނުން ވެސް އަންނަ އަހަރުގެ ތެރޭގައި މި ދަނޑު ރަށުގެ ޒުވާނުން ބޭނުންކުރަން ފަށާނެ."