Last Updated: April 18, 22:36
Thursday, April 18, 2024
ޚަބަރު ރައްޔިތުންގެ މަޖިލީސް

ޔާމީން ސަރުކާރުން، އުތުރުގައި ހަތިޔާރު ގުދަން ހަދަން ސޮއިކުރި: ނަޝީދު

ރައީސް އަބްދުﷲ ޔާމީން، މެމްބަރު މުހައްމަދު ސައީދު، ރައީސް މުހައްމަދު ނަޝީދު--

އުތުރަށް ހަތިޔާރު ބާލާ، ގުދަންކުރުމުގެ އެއްބަސްވުމެއްގައި ސޮއި ކޮށްފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައިކަމަށް، މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އިހަވަންދިއްޕޮޅުގައި އާގުބޯޓު ފަހަރަށް ހިދުމަތްދެވޭނެ މަގު ތަނަވަސްކޮށްދިނުމަށް އެދި ހުށަހަޅާފައިވާ ގަރާރަށް އިގްތިސާދީ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވީ އެ ރިޕޯޓުގައި އޮތީ ސެކިއުރިޓީ ހިދުމަތްދޭ ވާހަކަ ކަމަށާއި، ނުރައްކާތެރިކަން ފެށޭ ހިސާބަކީ އެއީ ކަމަށެވެ.

"ހަތިޔާރު ގުދަންކުރުން، އުތުރުގަ ހަތިޔާރު ގުދަންކުރުން މިއީ މީގަ ނުފެންނަ މަންޒަރަކީ." ސައީދު ވިދާޅުވިއެވެ.

ސައީދު އެގޮތަށް ވިދާޅުވުމުން އެވާހަކަ މެދުކަނޑުވާލުމަށްފަހު މަޖިލީހުގެ ރައީސް ނަޝީދު ވިދާޅުވީ ހަތިޔާރު ގުދަން ކުރުމުގެ އެއްބަސްވުމުގައި ސޮއި ކޮށްފައިއޮތީ ރައީސް ޔާމީންގެ ސަރުކާރުގައި ކަމަށެވެ.

"ހަތިޔާރު ދުގަންކުރުމާ، ހަތިޔާރުން ޔޮޓްފަހަރަށް ހިމާޔަތް ދިނުމުގެ ކޮންޓްރެކްޓުގައި ސޮއި ކުރައްވާފައި އޮތީ ރައީސް ޔާމީންގެ ސަރުކާރުން."

ރައީސް ނަޝީދު ވިދާޅުވީ އެ އެއްބަސްވުމުގައި ސޮއި ކުރިއިރު، ޑިފެންސް މިނިސްޓަރަކަށް ހުންނެވީ މިހާރުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފްކަމަށެވެ.

"އިއްޒަތްތެރި ރައީސް، ކަނޑައެޅިގެން އިތުރުފުޅެއް ތިހެއްދެވީ." ރައީސް ނަޝީދުގެ ވާހަކައަށް ރައްދު ދެއްވާ ސައީދު ވިދާޅުވިއެވެ.

ސައީދު އެގޮތަށް ވިދާޅުވުމުން ރައިސް ނަޝީދު ވަނީ އެ އެއްބަސްވުން މަޖިލީހަށް ގެންނަވާނެ ކަމަށް ވިދާޅުވެފައެވެ. އެހެންނަމަވެސް ސައީދުވަނީ އެކަމުގައި ރައީސް ނަޝީދު "ދޮގު" ހައްދަވާކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ. އަދި އެފަދަ އެއްވެސް އެއްބަސްވުމެއް އޮތްނަމަ މަޖިލީހަށް އެ އެއްބަސްވުމެއް ގެނެސް އެކަން ހާމަކުރުމަށް އެދިވަޑައިގަތެވެ. އެވާހަކައަށް ރައްދު ދެއްވާ ރައީސް ނަޝިދު ވިދާޅުވީ އެ އެގްރިމެންޓް އެބައޮތް ކަމަށާއި، އެ އެގްރިމެންޓް މަޖިލީހަށް ގެނެސް މެމްބަރުންނަށް ދެއްކުމަކީ ވަރަށް ފަސޭހަކަމެއްކަމަށެވެ.

މިކަމާ ގުޅިގެން ރައިސް ނަޝިދު އިތުރަށް ވިދާޅުވީ، އުލިގަމުގައި އަންނަ ޔޮޓުފަހަރަށް ހިމާޔަތްދިނުމަށް ކުންފުންޏަކާ އެކުގައި އެގްރީމެންޓް ހެދީ ރައީސް ޔާމީންގެ ސަރުކާރުގައި ކަމަށާއި، އަދި އެ އެގްރިމެންޓް ވެފައިވާ ފަރާތުން އެ އެގްރިމެންޓަށް އިހްތިރާމް ކުރުމަށްއެދުމުން މިސަރުކާރުން އެ އެގްރިމެންޓްގެ ސައްހަކަން ބެލުމަށް އެކި ތަންތަނަށް ހުށަހެޅިކަމަށެވެ. އަދި ރައީސް ޔާމީންގެ ސަރުކާރުން ކޮށްފައިވާ އެ އެގްރިމެންޓްގެ ސައްހަކަން ވެސް މިސަރުކާރަށް ކަށަވަރު ކުރެވިފައިވާކަމަށެވެ.

"އެއީ ރައީސް ޔާމީން ހައްދަވާފައި އޮތް އެގްރީމެންޓެކޭ." ރައީސް ނަޝީދު ވިދާޅުވިއެވެ.

މިވާހަކަތަކާ ގުޅިގެން އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުން، ރާއްޖޭގައި ރަޖިސްޓްރީކޮށްފައި އޮތް މޯލްޑިވްސް ސެކިއުރިޓީ ސާވިސް ކިޔާ ކުންފުންޏަކާއެކު، އުތުރުގައި ހަތިޔާރު ބާލާ މެރިޓައިމް ސެކިއުރިޓީ ދިނުމާ ގުޅޭ އެއްބަސްވުމެއް ހަދާފައި އޮތްކަމަށެވެ. އަދި އޭރު އެކަން ކުރަން މަސައްކަތް ކޮށްފައިވަނީ މޯލްޓާ ކުންފުންޏަކާ އެކު ކަމަށްވެސް ޝިފާއު ވިދާޅުވިއެވެ.

"ދެން ތިބޭފުޅުން އެތެރޭގައި އުފެދުނު ބޮޑު ރާޅުގެ ބަގާވާތާއެކު އެކަން ހުއްޓުނަސް އެއީ ނުކުރާ ކަމަކަށް ނުވާނެ ނޫންތޯ؟" ޝިފާއު ވިދާޅުވިއެވެ.

ހަތިޔާރު ރައްކާކުރުމުގެ އެގްރިމެންޓަކީ ކުރީ ސަރުކާރުން ވެފައިވާ އެއްބަސްވުމެއްކަމަށް މަޖިލީހުގެ ރިޔާސަތާއި އެމްޑީޕީގެ މެމްބަރުން ފާހަގަކުރަން ފެށުމުން ސައީދު ވަނީ އެ ވާހަކަ ބަދަލުކުރެއްވުމަށް، "އުތުރު ތިލަފަޅުގެ އެއްބަސްވުން" ހާމަކުރުމަށް ގޮވާލާ ވާހަކަ ދައްކަވާފައެވެ.