މިއަހަރުރާއްޖޭގައި ލޯކަލް ޓޫރިޒަމް ތަރައްގީކޮށް ފުޅާކުރަން ކުރިއަށް ގެންދާ މަސައްކަރުގެ ތެރެއިން މި އަހަރުގެ ތެރޭގައި 100 ރަށަކަށް ހޯމް ސްޓޭ ޓޫރިޒަމް ތައާރަފުކުރަން މަސައްކަތް ކުރައްވަމުން ގެންދާ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.
ރާއްޖެޓީވީގެ "ފަލަ ސުރުހީ" ގައި މިނިސްޓަރު ވިދާޅުވީ ޓޫރިޒަމް ފުޅާކުރުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ގެންގުޅުއްވާ ސިޔާސަތުން 2023 ވަނަ އަހަރުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށަކަށް ވެސް ޓޫރިޒަން ފުޅާވެގެން ދާނެ ކަމަށެވެ. އެގޮތުން މި އަހަރު ނިމުމުގެ ކުރިން 100 ރަށަކަށް ހޯމް ސްޓޭ މޮޑެލް ތައާރަފުކުރުމަށް މަސައްކަތްކުރެވެމުން އަންނަ ކަމަށް ވިދާޅުވި އެވެ.
"ރަށްރަށުގައި ފަތުރުވެރިކަން ފުޅާކުރުމަކީ އޭގެ ތެރެއިން ކަލްޗަރަލް ޓޫރިޒަމާއި އިކޯ ޓޫރިޒަމާއި އެޑްވެންޗާ ސްޕޯޓްސް ޓޫރިޒަމް ފަދަ ކަންކަން ވެސް ކުރިއަރައި ދިޔުމަށް މަގުފަހިވެގެންދާ ކަމެއް،" މައުސޫމް ވިދާޅުވި އެވެ. "ސަރުކާރުގެ ސިޔާސަތަކީ ރާއްޖޭގެ ވަކި ސަރަހައްދަކަށް ބަރޯސާނުވެ ހުރިހާ ސަރަހައްދެއްގައިވެސް ފަތުރުވެރިކަން ފުޅާކުރުން."
މިނިސްޓަރު ވިދާޅުވި ގޮތުގައި ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ވެސް އެއްވެސް ދައްޗަކާ ނުލައި މިހާރު ދަތުރުކުރެވޭނެ ފުރުސަތު އޮތުމަކީ މުޅި ރާއްޖެ އަށް ޓޫރިޒަން ފުޅާކުރުމަށް މަގުފަހިވި ކަމެކެވެ.
ރާއްޖޭގައި އެންމެ ފުރަތަމަ ހޯމް ސްޓޭ ޓޫރިޒަމް ތައާރަފުކުރީ މި އަހަރުގެ ޖެނުއަރީ 1 ގައި މ. ދިއްގަރުގަ އެވެ.