Last Updated: June 13, 21:28
Saturday, June 13, 2026
ޚަބަރު

ފާޑުކިޔަން ފެށުމުން، ޓްވިޓާ އެކައުންޓް "ހެކު"ކުރީ ކަމަށް ބުނެފި

ރައީސް އޮފީހުގެ ކުރީގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު - ފޮޓޯ: ރައީސް އޮފީސް

ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލި ޒާހިރުގެ ޓްވީޓާ އެކައުންޓް މިއަދު ހެނދުނު "ހެކު" ކުރިކަމަށާއި، މިހާރު އެ އެކައުންޓް އަނބުރާ ހޯދިފައިވާކަމަށް އަލީ ޒާހިރު ވިދާޅުވެއްޖެއެވެ.

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ޗެއާޕާސަން އިންތިހާބާ ގުޅިގެން ހެރިޓޭޖް މިނިސްޓްރީގެ ޑިރެކްޓަރެއްގެ މަގާމުގައި ހުންނެވި ޝައްމޫން ޖަލީލް (ލޫކަސް) ކުރި ޓްވީޓަކަށް އަލީ ޒާހިރުގެ ޓްވިޓާ އެކައުންޓުން މިއަދު ހެނދުނު ރައްދުދީފައިވާއިރު، ޓްވީޓްކުރިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ވަނީ އެ ޓްވީޓް ޑްލީޓްކޮށްފައެވެ. އަލީ ޒާހިރުގެ އެކައުންޓުން ކޮށްފައިވާ ޓްވީޓްގައި ވަނީ އެމްޑީޕީ ޗެއާޕާސަންގެ އިންތިހާބުގައި ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލަށް ތާއިދުކުރާކަން ދޭހަވާ މޭރުމުން ޓްވީޓްކުރައްވާފައެވެ. އަދި އިތުރު ޓްވީޓަކަށްވެސް އަލީ ޒާހިރުގެ އެކައުންޓުން ރައްދުދީ ޓްވީޓްކޮށްފައިވެއެވެ. އެހެންނަމަވެސް އެ ޓްވީޓްވެސް ކުޑަވަގުތުކޮޅެއްގެ ތެރޭގައި ވަނީ ޑްލީޓް ކޮށްފައެވެ.

އެކަމާ ގުޅިގެން އަލީ ޒާހިރު ހަމަ އެ ޓްވިޓާ އެކައުންޓުން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ، މިއަދު ހެނދުނު އޭނާގެ ޓްވިޓާ އެކައުންޓް "ކޮމްޕްރޮމައިޒް"ވި ކަމަށާއި، އަދި އެވަގުތުގައި ޓްވީޓްތަކެއް ކޮށްފައިވާކަމަށެވެ. ޓްވިޓާ އެކައުންޓް މިހާރު ރައްކާތެރި ކުރެވިފައިވާކަމަށާއި، އެކައުންޓް ހެކުކުރި މައްސަލަ ފުލުހަށް ހުށަހަޅާފައިވާކަމަށެވެ.

އަލީ ޒާހިރުގެ އެކައުންޓް "ހެކު"ކޮށް ކޮށްފައިވާ ޓްވީޓްތަކާ ގުޅިގެން އެމްޑީޕީ ޗެއާޕާސަން އިންތިހާބުގައި ވާދަކުރާ މެމްބަރު އިމްތިޔާޒް ފަހުމީއަށް ތާއީދުކުރާ ފަރާތްތަކުން ވަނީ ނުރުހުންފާޅުކޮށް ޓްވީޓްކޮށްފައެވެ.

އެގޮތުން އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މިކަމުގައި ރައީސް އޮފީސް އެކައުންޓުތަކުން ވެސް އޮޅިގެން ޓުވީޓްކުރެވެނީ ކަމަށާއި، ޗީފް އޮފް ސްޓާފަށް ވެސް އޮޅިގެން ޓުވީޓް ކުރެވެނީކަމަށެވެ. އަދި އެމްޑީޕީގެ އެތެރޭގެ އިންތިޚާބެއްގައި "އޮޅިގެން މުޅި ދައުލަތް ބޭނުންކުރެވެނީ" ކަމަށާއި، އެހެން ނުހެދުމަށް އެދިފައިވެއެވެ.

މީގެއިތުރުން އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ޓެގް ކުރައްވާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކުރާ ނުރަނގަޅު ކަންކަން މަތިޖެހުމަށް, ފޮރުވުމަށް ފަހަރަކު މުއައްސަސާއެއް ބޭނުން ކުރަމުން ގެންދިޔުމުން މުޅި ދައުލަތާމެދު ރައްޔިތުންގެ އިތުބާރު ގެއްލޭކަމަށެވެ.

"އެހެން ނުހައްދަވާ. ޕާޓީއާއި ސަރުކާރާއި ދައުލަތުގެ އިތުބާރު ގެއްލުނަ ނުދެއްވާ." ހަސަންގެ ޓްވީޓްގައިވެއެވެ.

މީގެއިތުރުން މިކަމާ ގުޅިގެން ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ކުރެއްވި ޓްވީޓްގައި ވިދާޅުވީ، މިއީ އެމްޑީޕީގެ އެތެރޭގެ އިންތިޚާބެއް ކަމަށާއި، މިކަމާ އަލީ ޒާހިރާ ކުޑަވެސް ގުޅުމެއް ނެތް ކަމަށެވެ.

"އެމްޑީޕީ މެމްބަރުންގެ ބުރަ މަސައްކަތުން ގެނައި ސަރުކާރުގެ ތިޔަވަރު މަޤާމެއްގައި އިންނެވުނެއްކަމަކު، މި ޕާޓީ ހަރާބުކުރާކަށް މިޕާޓީ މެމްބަރުން ފުރުސަތެއް ނުދޭނެ. ފަހަތަށް ޖެހިވަޑައިން މިޕާޓީއަށް މިކަން ދޫކޮށްލައްވާ." އީވާގެ ޓްވީޓްގައިވެއެވެ.

އެމްޑީޕީ ޗެއާޕާސަން އިންތިހާބުގައި ވާދަކުރައްވާ މިނިސްޓަރު ފައްޔާޒަށް ތާއީދުކޮށް ކޮށްފައިވާ ޓްވީޓެއް ރައީސް އޮފީހުގެ ޓްވީޓާ އެކައުންޓުންވެސް ރިޓްވީޓްކުރި މައްސަލައެއް މިފަހުން ފެންމަތިވިއެވެ. އެފަހަރު ރައީސް އޮފީހުން ބުނެފައިވަނީ އެކަން ހިނގާފައިވަނީ އޮޅިގެން ކަމަށާއި، އެކަމަށް މާފަށް އެދޭކަމަށެވެ.

އެމްޑީޕީގެ ޗެއަރޕާސަން މަގާމާއި އަންހެނުންގެ ރޫހު، ޒުވާނުންގެ ހިތްވަރުގެ ރައީސް އަދި ނައިބް ރައީސް ކަމުގެ މަޤާމުގެ އިންތިހާބް ބޭއްވުމަށް ހަމަޖެހިފައިވަނީ މޭ މަހުގެ 14 ވަނަ ދުވަހު އެވެ.