Last Updated: June 13, 20:58
Saturday, June 13, 2026
ޚަބަރު

އެޗްޑީސީން "އެއްގެއިން އަނެއްގެއަށް" ނަމުގައި ކެމްޕޭނެއް

އެޗްޑީސީން ހުޅުމާލެގައި ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ "އެއްގެއިން އަނެއްގެއަށް" ކެމްޕެއިން އިފްތިތާހުކޮށްފިއެވެ.

މިއަދު އިފްތިތާހުކުރި މި ކެމްޕޭނާ ގުޅޭގޮތުން އެޗްޑިސީން ބުނެފައިވަނީ، މި ކެމްޕެއިން އަކީ 'ވޯލްޑް ރިސައިކްލިންގ ޑޭ' އާއި ގުޅުވައިގެން އެއްފަހަރު ބޭނުންކުރެވިފައިވާ ތަކެތި އުކާލުމުގެ ބަދަލުގައި ދެވަނަފަހަރު އެ ތަކެތި ބޭނުންކުރުމަށް ތައާރަފްކުރާ ކެމްޕެއިނެއް ކަމަށެވެ.

މި ކެމްޕެއިން މެދުވެރިކޮށް، ބޭނުންކުރެވޭ ހާލަތުގައި ހުރި ތަކެތި އުކާލުމުގެ ބަދަލުގައި އެހެން ފަރާތްތަކަށް ހަދިޔާކުރުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށް އެޗްޑީސީން ބުނެފައިވެއެވެ. އެގޮތުން، ގޭތެރޭގައި ބޭނުންކުރާ ތަކެއްޗާއި ފަރުނީޗަރު އުކާލުމުގެ ބަދަލުގައި ބޭނުންޖެހިފައިވާ ފަރާތްތަކަށް އެތަކެތި ލިބޭނެ އިންތިޒާމް ހަމަޖެއްސުމުގެ ގޮތުން 24 މާރިޗު 2022 ވާ ބުރާސްފަތި ދުވަހުގެ 2:00 އިން ފެށިގެން 26 މާރިޗު 2022 ވާ ހޮނިހިރު ދުވަހުގެ 2:00 ގެ ނިޔަލަށް ހުޅުމާލެ ރުއްގަނޑު 1 އަދި ރުއްގަނޑު 2 ސަރަހައްދުގައި ގޭގެއިން ގެނެވޭ ތަކެތި ބެހެއްޓުމާއި، އަދި އެތަކެތި ބަލާ އަންނަ ފަރާތްތަކަށް ހަވާލުކުރުމުގެ އިންތިޒާމް ހަމަޖެހިފައިވާނެ ކަމަށްވެސް އެޗްޑީސީން ބުނެފައިވެއެވެ.

"މި ކެމްޕެއިންގެ ދަށުން ބަލައިގަނެވޭނީ އިލެކްޓްރޯނިކް ސާމާނު، ފަރުނީޗަރު އަދި ބަދިގޭގެއާއި ގޭތެރޭގައި ބޭނުންކުރެވޭ ތަކެއްޗެވެ. އަދި މި ސަރަހައްދަށް މި ތަކެތި ގެނައުމާއި އަނބުރާ ގެންދިއުމުގެ އިންތިޒާމް އެފަރާތަކުން ހަމަޖައްސަންވާނެއެވެ. މީގެއިތުރުން، ކާބޯތަކެތި ނުވަތަ ކުނިވާ ބާވަތުގެ ތަކެތި ގެނައުމާއި މި ތަކެތި ބޭނުންކޮށްގެން އެއްވެސް ބާވަތެއްގެ ވިޔަފާރިއެއް މި އިވެންޓް ތެރެއިން ހިންގުމަކީ މަނާކަމެއް ކަމުގައި ފާހަގަކުރަމެވެ." އެޗްޑީސީން ބުނެފައިވެއެވެ.

މިއީ، އެއްފަހަރު ބޭނުންކުރެވިފައިވާ ތަކެތި ދެވަނަފަހަރަށް ބޭނުންކުރުމުގެ އާދަ ދިވެހިންގެ މެދުގައި އާލާކުރުމުގެ ގޮތުން ކުރިއަށް ގެންދާ ކެމްޕެއިނެއް ކަމަށް އެޗްޑީސީން މައުލޫމާތުދެއެވެ.