Last Updated: May 11, 10:15
Saturday, May 11, 2024
ޚަބަރު

ނާޖިލާގެ މަރު: ހެކިތައް ބުރަވަނީ މަރުވީ އަމިއްލައަށް ކަމަށް!

ކ. ގާފަރު ގެސްޓްހައުސްއެއްގެ ތެރޭ މަރުވެފައި އޮއްވާ ފެނުނު އއ. ބޮޑުފުޅަދޫ ފަރުދާބަގީޗާގެ އައިމިނަތު ނާޖިލާ ލުތުފީ

ގާފަރު ރޭ ސިއްސުވާލީ އެ ރަށު ގެސްޓުއެއްގެ ތެރޭގައި ޒުވާން އަންހެން ކުއްޖަކު ޒަހަމްތަކަކާއި އެކު މަރުވެފައި އޮތްވާ ފެނުނު ހަބަރަކާއެކު އެވެ. ގެސްޓްހައުސް ފުޅާވެ އެ ވިޔަފާރީ ފައްކާވަމުން އަންނަ އެރަށުގެ ގެސްޓް ހައުސްއެއް ތެރެއިން ޒަހަމްތަކަކާއެކު މީހަކު މަރުވެފައިވާ ހަބަރު ރޭ ރަށު ތެރެއަށް ފެތުރުމާއެކު އެންމެނަށްވެސް ގެނުވީ ބޮޑު ސިހުމެކެވެ.

މަރާލާފައިވާ މީހެއްގެ ހަށިގަނޑު ކަމަށް ހަބަރުތައް ފެތުރުނަސް ގާފަރުގެ އެންމެން ކަހަލަ ގޮތަކަށް ޔަގީންކަމާއެކު ގަބޫލުކުރަނީ އެފަދަ ކަމެއް ކުރާނެ މީހަކު އެރަށުގައި ނޫޅޭނެ ކަމެވެ. ފޭރުމާއި މާރާމާރީ ކުށްތައް ރާއްޖޭގައި ކިތަންމެ ގިނަ ނަމަވެސް އެފަދަ ކުށްތައް ގާފަރުގައި އެއްގޮތަކަށް ނުހިނގައޭ ބުނާހާ މަދެވެ.

ގާފަރުގައި ދިވެއްސަކު މަރުވެފައި އޮއްވާ ފެނުން ގެސްޓް ހައުސް

ރޭ ގާފަރު، "އޯލްޑް ޓައުން އިން" ކިޔާ ގެސްޓް ހައުސް ތެރޭގައި މަރުވެފައި އޮއްވާ ފެނުން އއ.ބޮޑުފުޅަދޫ،ފަރުދާބަގީޗާގެ، އާމިނަތު ނާޖިލާ ލުތުފީ، 27 ގާފަރަށް ދިޔައީ މިދިޔަ ބުދަ ދުވަހު އެވެ. އޭނާ މަރުވެފައި އޮއްވާ ފެނުނީ އޭނާގެ ހަބަރެއް ނުވާތީ ކޮޓަރި ހުޅުވާ ބެލުމުންނެވެ.

އެރަށް ދިޔައީ އެކަނި، ރަށުގެ އެއްވެސް މީހަކާ އެއްކޮން އުޅެނިކޮށް ނުފެނޭ
ނާޖިލާ ގޮސް ހުރި ރަށުގެ އެންމެ ފެންވަރު ރަނގަޅު ގެސްޓްހައުސްގަ އެވެ. މާލެ އާ ގާފަރާ ދެމެދު ދަތުރުކުރާ ލޯންޗްގައި އޭނާ މާލެއިން ފުރައިގެން އެރަށް ދިޔައީ އެކަންޏެވެ. އޭނާ ދިއުމަށްފަހުވެސް އެރަށުގައި އުޅުނީ ވެސް އެކަންޏެވެ. އެރަށުގައި އޭނާއާ އެކު އެހެން މީހަކު އުޅޭތަން އެއްގޮތަކަށްވެސް ނުފެންނަ ކަމަށް އެރަށުން ވާހަކަ ދެއްކި މީހަކު ބުންޏެވެ. ކައިއުޅުނީ ރަށުގެ ކެފޭތަކުންނެވެ. ފިހާރަތަކަށް ގޮސް އުޅުނީ އެކަންޏެވެ.

މަރުވެފައި ވަނީ އަމިއްލައަށް ގަން ވަޅިއަކުން

މައުލޫމާތު ލިބުނު ގޮތުން ގާފަރަށް ބުދަ ދުވަހު ދިއުމަށްފަހު މާލެ ދިއުމަށް ނާޖިލާ ނިންމި ދުވަސް ފަހުން ކެންސަލް ކުރުމަށްފަހު މަޑުކުރި އެވެ. އޭނާ އުޅެ ކޮޓަރިއަށް ވަންނަން ޖެހުނީ ފޯނުކޮށްގެންވެސް އޭނާގެ ހަބަރެއް އިއްޔެ އެއްކޮންވެސް ނުވުމާއެކު އެވެ. ފުލުހުންނާއެކު އެ ކޮޓަރިއަށް ވަންއިރު އޭނާ މަރުވެފައި އޮއްވާ ފެނުނީ އެ ކޮޓަރީގެ ފާހަނާތެރޭގަ އެވެ. ފާހަނާ ތެރޭގައި ފާރުގައި ލެނގިލައިގެން ވެޓިފައި އޮތްއިރު އޭނާގެ އަތުން ދޫވެފައިވާކަމަށް ކަމަށް ބެލެވޭ ވަޅި ކައިރީ އޮތެވެ. ލެއިން ތައްތެޅިފައި އޮތް ވަޅި ވެއްޓިފައިވަނީ އޭނާގެ އަތުގެ ތެރެއިން ކަމަށް މަންޒަރު ދުށް މީހަކު ބުންޏެވެ. އޭރު އޭނާގެ ކަރުގައި ޅިޔައަޅާލާފައިވާ ގޮތަކަށް ވަޅިން ދަމާލާފައިވާ ބޮޑު ޒަހަމެއް ހުއްޓެވެ. އޭއާއެކު އޭނާ މަރުވެ އެ އޮތް ގޮތައް އޮތީ ކަމަށް ބެލެވެ އެވެ. އޭގެ އިތުރުން އޭނާ އަތުގައިވެސް ވަޅި ކޮށްފައިވާ ޒަހަމްތައް އެނގެން ހުއްޓެވެ. އޭނާގެ ހަށިގަނޑަށް ޒަހަމްދިނުމަށް ބޭނުންކުރި ވަޅި އޭނާގެ އަތުން އޭގެ ދެ ދުވަސްކުރިން ގަތީ އޭނާ އަމިއްލައަށެވެ. އެކަން ދެނެ ތިބި މީހުން އެރަށުގައި އެބަ ތިއްބެވެ. އޭނާ ގެސްޓް ހައުސްއަށް ގޮސް އެތަނުންވެސް ވަޅިއެއް ހޯދިކަމަށްވެއެވެ. ނަމަވެސް އާ ވަޅިއެއް އޭނާ ގަތީ އޭގެ ފަހުންނެވެ. ނަމަވެސް އެއިން އެއްވެސް ފަހަރަކު ވަޅިއެއް ހޯދަނީ ކޮން ބޭނުމެއްގައި ކަމެއް މީހެއް ގާތު ބުނެފައެއްނުވެ އެވެ.

އެރަށު ފިހާރައިން ގަތް އެ ވަޅި ލާފައިވާ އުރަގަނޑު އެ ކޮޓަރީގެ އެނދުމަތީ އެރޭ އޮތެވެ. އޭގެ އިތުރުން އޭނާގެ ކޭޝްކާޑާ އެހެން ތަކެތިވެސް ހުއްޓެވެ. އޭނާ އެރަށަށް ގޮސް ހުރިހާ މުއާމަލާތެއް ކޮށްފައިވަނީ ކޭޝްކާޑުންނެވެ.

އަނިޔާއެއް ދިންކަމުގެ ހިލަމެއް ނުވޭ
މަރުވި މީހާ ހުރި އެ ގެސްޓްހައުސްގެ ތިން ވަނަ ފްލޯގައި ހުރި ކޮޓަރިއެއްގަ އެވެ. އެ ފްލޯގައި އެހެން ރޫމްތައް ވެސް ހުރެ އެވެ. އެހެން ނަމަވެސް އެ ގެސްޓްހައުސްގައި އެއްވެސް އެފަދަ ކަމެއް މީހަކު ކުރަން އުޅޭ ކަމުގެ ހިލަމެއް އެއްވެސް މީހަކު ވެގެން އެ ވާހަކަ މިހާތަނަށް ދައްކާފައެއެއްނުވެ އެވެ. އަދި އެމީހާ މަރުވެފައި އޮއްވާ ފެނުން ފަހުން ވެސް އެފަދަ އަޑެއް އިވުނު ކަމަށްވެސް އެއްވެސް މައުލޫމާތު ދީފައެއްނުވެ އެވެ.

ފެންވަރު ރަނގަޅު ގެސްޓްހައުސްއެއް
އެއީ ގާފަރުގައި ހިންގަމުންދާ އެންމެ ފެންވަރު ރަނގަޅު އެއް ގެސްޓް ހައުސްއެވެ. އެތަނަށް ވަގައް މީހަކު ވަދެވޭ ގޮތައް ވަލު ދޮރާޓެއް ކަހަލަ އެއްވެސް ތަނެއް ނެތެވެ. އަދި އެއީ އާއްމު މީހުން އަބަދުވެސް ހިނގާ އުޅޭ އާއްމު ސަރަހަދަކަށްވުމަށް މީހަކަށް ނޭނގި އެތަނަށް ވަދެ މީހަކަށް ގެއްލުމެއް ދިނުމަކީ އުނދަގޫ ކަމެކެވެ. އެހެން ކަމުން އެތަނުގެ ސެކިއުރިޓީ އަށްބަލާއިރު އެތަނުގެ ރައްކާތެރިކަމާމެދު މީހުން ސުވާލެއް ނުއުފައްދަ އެވެ.

ނާޖިލާ މަރުވެފައި އޮއްވާ ފެނުން ފަހުން 24 ގަޑިއިރު ފާއިތުވެގެން ގޮސްފައިވާއިރު މިހާތަނަށް އެއްވެސް މީހަކު އެކަމުގެ ތުހްމަތުގައިވެސް ހައްޔަރު ކޮށްފައެއްނުވެ އެވެ. އެމީހާގެ ހަށިގަނޑު ރޭ ފަތިހު މާލެ ގެނެސްފައިވާއިރު ފުލުހުން އަދިވެސް ގެންދަނީ އެ މައްސަލަ ތަހްގީގުކުރަމުންނެވެ. ރަސްމީ އިދާރާއަކުން އަދި އެކަމާ ގުޅޭ ގޮތުން ވަކި އެއްޗެއް ނުބުނެ އެވެ.