އައްޑޫ މީދޫގައި އިސްލާމިކް މިނިސްޓްރީން އިމާރާތްކުރަން ނިންމާފައިވާ މިސްކިތުގެ މަސައްކަތްކުރާނެ ބަޔަކު ހޯދަން ކުރިން ހުށަހެޅި ބީލަންތައް ބާތިލުކޮށް އަލުން ބީލަމަށް ހުޅުވާލައިފި އެވެ.
މިސްކިތް އިމާރާތްކުރަން ފުރަތަމަ ބީލަމަށް ހުޅުވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 21 ގަ އެވެ.
ފިނޭންސް މިނިސްޓްރީން ބުނީ މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 12 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. ބީލަމުގައި ބައިވެރިވާން 500ރ. ގެ ރަޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހޭ އިރު، ރަޖިސްޓްރޭޝަން ކުރިއަށް ދާނީ މިއަދުން ފެށިގެން އަންނަ މަހުގެ 7 އާ ހަމައަށެވެ.
ފިނޭންސުން ބުނި ގޮތުގައި މިސްކިތް އިމާރާތްކުރުމުގެ މަސައްކަތުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 65،000ރ. ހުށަހަޅަން ޖެހޭނެ އެވެ. އަދި ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑު ހުޅުވާ ތާރީހުން ފެށިގެން 148 ދުވަހެވެ.
މީދޫގައި އަލަށް ހަދަން ހަމަޖެހިފައި ވަނީ 700 މީހުންގެ ޖާގައިގެ މިސްކިތެކެވެ.