ރާއްޖޭގައި މިހާރު އިންޑިއާގެ ނުފޫޒު އޮތް ވަރުން ދުނިޔޭގެ އެހެން ގައުމުތަކުން މިހާރު ރާއްޖޭގައި އިންވެސްޓްކުރަން ޖެހިލުންވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު ޕީޕީއެމް މެމްބަރު އަހުމަދު ޝިޔާމު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީގެ އިއްޔެގެ ޖަލްސާގައި އޭނާ ވިދާޅުވީ އިހަވަންދިއްޕޮޅު ތަރައްގީ އަށް ވެސް ކުރިމަތިވި އެންމެ ބޮޑު ތުރާލަކީ އިންޑިއާ ކަމަށެވެ.
"އިހަވަންދިއްޕޮޅު ތަރައްގީ އަށް ޖެހުނު ތުރާލަކީ އިންޑިއާ، ސަރުކާރަށް ނިސްބަތްވާ މެންބަރަކަށް ވެސް މި ފެނުނީ ހަމަ އެ ތަސައްވުރު،" ޕީޕީއެމްގެ ނައިބު ރައީސްކަން ވެސް ކުރައްވާ ޝިޔާމު ވިދާޅުވި އެވެ. "އިންޑިއާ އަށް ނުރައްކަލެއް ވެދާނެ ކަމަށް ބުނެ މި ކަންކަން މި ރާއްޖޭގައި ނުކޮށް ހުރަސް އަޅާފައި އެ އޮންނަނީ."
އޭނާ ވިދާޅުވި ގޮތުގައި އިންޑިއާގެ ސިފައިން ރާއްޖޭގައި ތިބުމަކީ ވެސް ރާއްޖޭގެ ތަރައްގީ އާއި ކުރިއެރުމަށް އޮތް ހުރަހެއް ކަމަށެވެ. އަދި އެ ސަބަބާ ހުރެ ރާއްޖެ އަށް އިންވެސްޓްކުރަން ޝައުގުވެރިވާ އެހެން ގައުމުތަކާއި އެ ގައުމުތަކުގެ އިންވެސްޓަރުން ވެސް ޖެހިލުންވާ ކަމެއް ކަމަށް ވިދާޅުވި އެވެ.
"ދުނިޔޭގައި މިހާރު އޮތް އެންމެ ބޮޑު އިގްތިސޯދު، ޗައިނާ، އަދި މެދުއިރުމަތިން ވެސް، ޔޫރަޕުން ވެސް، އިހަވަންދިއްޕޮޅަށް ޝައުގުވެރިކަން އޮތް،" ޝިޔާމް ވިދާޅުވި އެވެ. "އެކަމަކު އިންޑިއާގެ ނުފޫޒާއި ހުރެ، އިންޑިއާ ފިޔަވައި އެހެން ގައުމުތަކުން އިންވެސްޓް ކުރަން ޖެހިލުން އެބަވޭ."
އިންޑިއާގެ ނުފޫޒު ރާއްޖޭގައި މިހާރު މާ ބޮޑަށް ގަދަވެފައިވާ ކަމާއި އެ ގައުމުގެ ސިފައިންތަކެއް ރާއްޖޭގައި ތިބޭތީ އެ މީހުން ބޭލުމަށް އިދިކޮޅު ކޯލިޝަނުން އަންނަނީ "އިންޑިއާ އައުޓް" ގެ ނަމުގައި ގައުމީ ފެންވަރުގައި ކެމްޕޭނެއް ވެސް ހިންގަމުންނެވެ.