Last Updated: June 27, 13:13
Saturday, June 27, 2026
ޚަބަރު

އެމްއައިބީން ގިނަ އެކައުންޓްތަކެއް އުވާލަނީ

އެމްއައިބީގެ އައްޑޫ ބްރާންޗް.

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ހުޅުވާފައިވާ އެކައުންޓްތަކުގެ ތެރެއިން ބޭނުން ނުކޮށް ފަސް އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ އެކައުންޓްތައް އުވައިލަން ނިންމައިފި އެވެ.

އެ ބޭނުންކުން ވަނީ ބޭނުން ނުކުރާތާ ފަސް އަހަރަށްވު ރެ ގިނަ ދުވަސްވީ 2،918 އެކައުންޓެއްގެ މައުލޫމާތު ވެސް އާންމުކޮށްފަ އެވެ.

އެމްއައިބީން ބުނީ އެއްވެސް މުއާމަލާތެއް ނުކުރާ އެކައުންޓުތަކުގެ ގޮތުގައި ކަނޑައަޅާފައިވާ އެކައުންޓުތަކުގެ ވެރި ފަރާތްތަކަށް އެކަން މިހާރު އަންގާފައި ވާނެ ކަމަށާއި އެ އެކައުންޓްތައް އުވާލުމުގެ ކުރިން އެކްޓިވޭޓްކުރަން ބޭނުން ނަމަ ވީ އެންމެ އަވަހަކަށް އެބޭންކަށް ހުށައެޅަން ޖެހޭނެ ކަމަށެވެ.
ބޭނުން ނުކުރާ އެކައުންޓްތައް އުވައިލާކަން ވެރިފަރާތްތަކަށް އެންގުމަށް ފަހު ދެ ދުވަސް ހަމަވުމުން އެ އެކައުންޓްތަކުގައި ހުންނަ ފައިސާ އެމްއެމްއޭއާ ހަވާލުކުރުމަށް ފަހު އެކައުންޓް ބަންދުކުރާނެ ކަމަށް އެމްއައިބީން ބުންޏެވެ.

އެ ބޭންކުން ބުނީ އެކައުންޓް އެކްޓިވޭޓްކުރަން ބޭނުންވާ ނަމަ "ކަސްޓަމާ ފޯމް" ފުރުމަށް ފަހު ހުށެހެޅުމުން އެކްޓިވޭޓްކޮށް ދެވޭނެ ކަމަށެވެ.

ބޭނުން ނުކުރާ އެކައުންޓްތައް އުވައިލުމަކީ ބޭންކްތަކުން އަމަލުކުރަމުން އަންނަ އާންމު އުސޫލެކެވެ. މި ހަފުތާގައި ބޭންކް އޮފް ސިލޯނުން ވެސް ވަނީ ބޭނުން ނުކުރާތާ ފަސް އަހަރުވީ 190 އެކައުންޓެއް އުވައިލަން ނިންމައި ނޯޓިސް ނެރެފަ އެވެ.