ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އަސާސީ ބޭނުންތައް ފުއްދަން ދަތި އާއިލާތަކަށް އެހީވުމަށް ހާއްސަކުރި "ހައުސިން ގްރާންޓް" އަށް އެޕްލައިކުރަން ދިން މުއްދަތު މި މަހުގެ ނިޔަލަށް ހަމަވާނެ ކަމަށް ބުނެފި އެވެ.
އެ ގްރާންޓް ހުޅުވައިލީ ކައުންސިލްތަކާއި ޖަމިއްޔާތަކަށް އާއިލާތައް ނޮމިނޭޓްކުރެވޭ ގޮތަށެވެ. އެގޮތުން މި ހިލޭ އެހީގެ ދަށުން ތިން އާއިލާއަކަށް ދިރިއުޅެމުންދާ ގެ އިމާރާތްކޮށް ފަރުނީޗަރު ހިމެނުމުގެ ހަރަދުތައް ބޭންކުން ހަމަޖައްސައިދޭނެ އެވެ. މި އެހީ އަށް ހުޅުވައިލީ މިިދިޔަ މަހުގެ ތެރޭގަ އެވެ.
ބީއެމްއެލްގެ މެނޭޖަރ ޕަބްލިކް ރިލޭޝަންސް މުހައްމަދު ސައީދު ވިދާޅުވީ ދިރިއުޅުމުގައި ދަތިކަން ތަހައްމަލު ކުރަމުންދާ އާއިލާތަކަށް ހައުސިން ގްރާންޓް މެދުވެރިކޮށް ރައްކާތެރި ބޯހިޔާވަހިކަން ފޯރުކޮށްދެވިގެންދާނެ ކަމަށެވެ.
"އަޅުގަނޑުމެންގެ އުއްމީދަކީ ކައުންސިލްތަކުންނާއި ޖަމިއްޔާތަކުން މިފަދަ އެހީއަކަށް ބޭނުންވެފައިވާ އާއިލާތަކުގެ ދިރިއުޅުމަށް ހެޔޮބަދަލެއް ގެނައުމުގައި އަޅުގަނޑުމެންނާއެކު ބައިވެރިވުން." އޭނާ ވިދާޅުވި އެވެ.
"ހައުންސިން ގްރާންޓް" އާ ބެހޭ އިތުރު މައުލޫމާތު ބޭންކުގެ ވެބްސައިޓް www.bankofmaldives.com.mv/housing-grant އިން ލިބޭނެ އެވެ.
މި އެހީ އަކީ މި އަހަރުގެ ނޮވެންބަރު މަހު ފާހަގަކުރަން ހަމަޖެހިފައިވާ ބޭންކުގެ 40 ވަނަ އަހަރީ ދުވަހާ ހަމައަށް ހިންގުމަށް ހަމަޖެހިފައިވާ މުޖުތަމަ އަށް ފައިދާ ހުރި މުހިންމު 12 ހަރަކާތުގެ ތެރެއިން އެއް ހަރަކާތް ކަމަށް ބީއެމްއެލުން ބުންޏެވެ.