Last Updated: May 11, 20:06
Saturday, May 11, 2024
ޚަބަރު

އެމްޑީޕީގެ ލީގަލް ޑިރެކްޓާ ހިސާން، ވެސް ފައްޔާޒާއެކު

ފައްޔާޒު މިއަދު ތުޅާދޫއަށް ވަޑައިގެންނެވުމުން ހިސާން އޭނާއާ ސަލާމް ކުރައްވަނީ

އެމްޑީޕީގެ ލީގަލް ޑިރެކްޓަރު މަގާމުގައި ހުންނެވި ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން ވެސް އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވާ ފައްޔާޒު އިސްމާއީލްއާއެކު ކެމްޕެއިނަށް ނިކުންނަވައިފި އެވެ.

ފައްޔާޒުއާއެކު ކެމްޕެއިން ޓީމުން ބ.އަތޮޅަށް ކުރާ ދަތުރުގައި މިއަދު ހަވީރު އެ އަތޮޅު ތުޅާދޫއަށް ވަޑައިގެންނެވުމުން އެ ޓީމަށް އެންމެ އިސްކޮށް މަރުހަބާ ކީ ހިސާން އެވެ. ތުޅާދޫން ގިނަ އަދަދެއްގެ އެމްޑީޕީގެ އާއްމު މެމްބަރުން ފައްޔާޒަށް މިއަދު މަރުހަބާ ކިޔަން ނިކުމެ ތިއްބެވެ.

ހިސާން ވަނީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމަށް ވަޑައިގެންނެވުމުގެ ކުރިން އެމަނިކުފާނުގެ ގާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރައްވާފަ އެވެ.

ޗެއާޕާސަން ކަމަށް ވާދަކުރައްވާ ފައްޔާޒުއަށް ތާއީދުކުރާ ގިނަ މީހުންނަކީ އެމްޑީޕީގެ ދެ ފެކްޝަނުގެ ތެރެއިން ރައީސް ސޯލިހްގެ ފެކްޝަނުގެ މީހުނެވެ. ދެން ވާދަކުރައްވާ، އިމްތިޔާޒް ފަހުމީގެ ފަހަތުގައި ތިބީ ރައީސް ނަޝީދުގެ ފެކްޝަނުގެ މީހުނެވެ. އިމްތިޔާޒަށް ތާއީދުކުރާ މީހުން ބުނާ ގޮތުން ފައްޔާޒު އެ މަގާމަށް އައިސްފި ނަމަ ނަޝީދު އެ ޕާޓީން ދުރުކުރާނެ އެވެ. ނަމަވެސް އެކަން ދޮގުކޮށް ފައްޔާޒުގެ ޓީމުން ބުނަމުން ދަނީ އެއީ ފިތުނަ އުފައްދަން ދައްކާ ދެކޮޅު ނުޖެހޭ ވާހަކަތަކެއް ކަމަށެވެ.

ފައްޔާޒު އާއެކު ރޮޒޭނާ މިއަދު މިއަދު ތުޅާދޫއަށް ވަޑައިގެންނެވުމުން ހިސާން އޭނާ ގައިގައި ބައްދާލަނީ

ކެމްޕެއިންގެ ފޯރި މިހާރުވެސް ވަރަށް ގަދަ ވެފައިވާއިރު ސުޕަ މެޖޯރިޓީ އޮތް އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕްގެ ގިނަ މެމްބަރުން ތިބީ ފައްޔާޒުއާއެކު އެވެ. އަދި ރައީސް ސޯލިހް ފެކްޝަނުގެ ބޮޑު އަގުލަބިއްޔަތެއް އޮންނަ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ގިނަ ބަޔަކުވެސް ތާއީދުކުރަނީ ފައްޔާޒުއަށެވެ.