އައްޑު އަށް ރަށްވެހިކަން ބަދަލުކުރަން ބޭނުންވާ މީހުންނާއި އަވަށުން އަނެއް އަވަށަށް ރަށްވެހިކަން ބަދަލުކުރާ މީހުންގެ އަތުން 1،000ރ. ގެ ފީއެއް ނެގުމާ ކައުންސިލަރުންގެ މެދުގައި ހިޔާލު ތަފާތުވުންތަކެއް އުފެދިއްޖެ އެވެ.
މިކަމާ ގުޅޭ ގޮތުން އިއްޔެ ބޭއްވި ކައިންސިލް 43 ވަނަ ޖަލްސާގައި މަޝްވަރާކުރެވުނީ ނަގާނެ ފީއަކާ މެދު އާންނުންގެ ހިޔާލު ވެސް މިދިޔަ ހަފުތާގައި ހޯދުމަށް ފަހު އެވެ. އެގޮތުން އިއްޔެ ބޭއްވި ޖަލްސާގައި ހިތަދޫ ރަސްގެދަރަ ކައުންސިލަރު ހުސައިން ޒަރީރު ހުށަހެޅުއްވީ ކުރިން ވެސް އާންމު ކޮމިޓީގައި މަޝްވަރާކުރެވިފައި އޮތް ގޮތަށް އަދި އާންމުންގެ ހިޔާލަށް ވެސް ރިއާޔަތްކޮށް 1،000ރ. ގެ ފީއެއް ނަގަން ފާސްކުރަން ފެންނަ ކަމަށް ފާސްކުރުމަށެވެ.
ނަމަވެސް އެ ހުށަހެޅުމާ ދެކޮޅު ހެއްދެވި ހިތަދޫ މޫލެކެޑެ ދާއިރާގެ ކައުންސިލަރު އަހުމަދު ސައީދު ވިދާޅުވީ ރަށްވެހިކަން ބަދަލުކުރަން ބޭނުންވާ މީހުންގެ އަތުން އެއްވެސް ފީއެއް ނެގުމަށް ތާއީދުނުކުރާ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި މިކަމަކީ އައްޑޫގެ އާބާފީ އިތުރުކުރެވެން އޮތް ކަމަކަށްވާތީ ރަށްވެހިކަން ބަދަލުކުރަން ބޭނުންވާ މީހުންގެ އަތުން ފީއެއް ނެގުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
"މީގައި ބެލުން އެންމެ މުހިއްމު ކަމަކީ މިކަން ހިލޭކުރެވޭ ގޮތަށް ބާއްވައިގެން ވެސް އައްޑޫގެ އާބާދީއެއް މީހަކު އިތުރުކުރެވޭތޯ." ސައީދު ވިދާޅުވި އެވެ. "އަޅުގަނޑުމެން ބަލަންވީ އައްޑު އަށް ބަދަލުވާން ބޭނުންވާ މީހުންނަށް މަރުހަބާކިޔުން. އެހެންވީމަ މިކަމަށް ފީއެއް ނަގައިގެން އެފަދަ މީހުންނަށް އިތުރު ތަކުލީފެއް ޖެއްސުމަކީ ފެންނަ ކަމެއް ނޫން."
އެހެންވެ ފީއެއް ނެގުމަށް ތާއީދުނުކުރާ ކަމަށް ވިދާޅުވެ ސައީދު ހުށަހެޅުއްވީ އެ މައްސަލަ އަލުން ދިރާސާކުރުމަށްޓަކައި އާންމު ކޮމިޓީ އަށް ފޮނުވުށެވެ.
ސައީދަށް ތާއީދުކޮށް ހުޅުދޫ ކައުންސިލަރު ހުސައިން ފައިޒުއްރަހުމާން ވެސް ވިދާޅުވީ ރަށްވެހިކަން ބަދަލުކުރަން ފީއެއް ނަގަން ނުފެންނަ ކަމަށެވެ. އޭގެ ބަދަލުގައި ކައުންސިލުން ވެސް ފަހިކޮށްދޭންވީ "އިންސެންޓިވްތަކެއް" ކަމަށް ވިދާޅުވި އެވެ.
"މީހަކު އައްޑު އަށް ބަދަލުވާން ވިސްނާ ވިސްނުމަކި އައްޑު އަށް ލިބޭ ކުރިއެރުމެއް. އެހެންވީމަ ބަދަލުވާން ބޭނުންވާ މީހުންނަށް އެކަން ފަހިކޮށްދެވޭނެ ގޮތްތަކެއް އަޅުގަނޑު ހޯދައިދޭންވީ،" ފައިޒް ވިދާޅުވި އެވެ. "މިތަނުގެ އާބާދީ އިތުރުވުމަކީ އިގުތިސާދީ ހަރަކާތްތައް ވެސް އިތުރުވާނެ ސަބަބެއް."
އޭނާ ވިދާޅުވި ގޮތުގައި މާލީ އެހީ ލިބުމުގައި ވެސް އާބާދީގެ ނިސްބަތަށް ބަލާތީ، އައްޑޫގެ އާބާދީ އިތުރުކުރުމަށްޓަކައި ރަށްވެހިކަން ބަދެަކުކުރަން ބޭނުންވާ މީހުންނަށް އެއްވެސް އަގަކާ ނުލައި ފަސޭހަ އިން އެކަން ކުރެވޭ ގޮތަށް އޮތުމަކީ މުހިއްމު ކަމެކެވެ.
"އެހެންވީމަ ބަދަލުވާން އެދޭ މީހާގެ އަތިން އެއްހާސް ރުފިޔާގެ ފިއެއް ނަގަން އުޅުމަކީ އައްޑޫގެ ތަރައްގީއާ ދެކޮޅަށް ކުރެވޭ ކަމެއް." ފައިޒް ވިދާޅުވި އެވެ.
ފޭދޫ މާދެލަ ދާއިރާގެ ކައުންސިލަރު މުހައްމަދު ފައިސަލާއި މަރަދޫ ކައުންސިލަރު އަހުމަދު ނާދިރު ވެސް ވިދާޅުވީ ރަށްވެހިކަން ބަދަލުކުރަން ފީއެއް ނަގަން ނުފެންނަ ކަމަށެވެ.
އެހެންވެ މޭޔަރު އަލީ ނިޒާރު ވިދާޅުވީ އެ މައްސަލަ އަލުން ދިރާސާކުރުމަށްޓަކައި އާންމު ކޮމިޓީ އަށް ފޮނުވާނީ ކަމަށެވެ.