މަންޓާ އެއާގެ ދަތުރުތައް އައްޑު އަށް ފެށިތާ މިއަދަށް މަހެއްހާ ދުވަސްވެގެން ދިރު އާންމުންގެ ފަރާތުން ލިބޭ ތަރުހީބާ މެދު ހިތްހަމަޖެހޭ ކަމަށް އެ އެއާލައިނުން ބުނެފި އެވެ.
މަންޓާ އެއާގެ މެނޭޖަ، މާކެޓިން އެންޑް ކޮމިއުނިކޭޝަންސް މޫބީން ޖަލީލު މިއަދު "އައްޑޫ ލައިވް" އަށް ވިދާޅުވީ މަހެއްހާ ދުވަސްވީ އިރު މަންޓާގެ ހިދުމަތް ހޯދި ގިނަ ބައެއްގެ ފަރާތުން ލބިފައި ވަނީ ވަރަށް ޕޮޒިޓިވް ފީޑްބެކްތަކެއް ކަަމަށެވެ. އެގޮތުން މަންޓާ އެއާގެ އިން-ފްލައިޓް ހިދުމަތަކީ ގިނަ ކަސްޓަމަރުން ވަރަށް ފާހަގަކުރާ ކަމެއް ކަމަށް ވިދާޅުވި އެވެ.
"ޑޮމެސްޓިކް އެއާލައިންތަކުގެ ތެރެއިން މި ވަގުތު ރާއްޖޭގައި އެންމެ ތަފާތު އެކްސްޕީރިއަސެއް ލިބޭނީ ވެސް ހަމަ މަންޓާ އިން. އެހެންވީމަ މި ހިދުމަތުގެ ފެންވަރު ވައްޓާނުލައި އަޅުގަނޑުމެން އަބަދުވެސް ދަމަހައްޓާނަން." އޭނާ ވިދާޅުވި އެވެ.
މޫބިން ވިދާޅުވީ އެ އެއާލައިން އަދިވެސް އަންނަނީ އައްޑޫ މާކެޓަށް ވާ ގޮތް ބަލަމުންނެވެ. އެހެންވެ އިތުރު ބަދަލުތަކެއް ގެންނަން ޖެހޭތޯ ނޫންތޯ ވެސް ދެނެގަންނަން އަދި ދެ ވަރަކަށް މަސް ނަގާނެ ކަމަށް ވިދާޅުވި އެވެ.
"ޖެނެރެލްކޮށް ބުނަންޏާ ލިބޭ ތަރުހީބާ ދޭތެރޭ ހިތްހަމަޖެހޭ. އެކަމަކު ފްރިކްއެންސީ އަށް ބަދަލެއް ގެންނަން ޖެހޭތޯ ނޫންތޯ ބަލަން ވެސް އަދި ދުވަސްކޮޅެއް ނަގާނެ،" މޫބީން ވިދާޅުވި އެވެ. "މި މާކެޓް ވަރަށް ބޮޑަށް މޮނިޓަކުރަމުން އަޅުގަނޑުމެން މި އަންނަނީ."
މިދިޔަ މަހުގެ 24 ގައި ގަމަށް ޝެޑިއުލް ދަތުރުތައް ފެށި މަންޓާ އެއާ އިން އަންނަނީ ކޮންމެ ދުވަހަކު ދަތުރެއް ބާއްވަމުންނެވެ. އެ އެއާލައިނުން ބުނެފައި ވަނީ ލިބޭ ތަރުހީބެއް ބަލައިފައި އިތުރުކުރަން ޖެހޭ ނަމަ ދަތުރުތަކިގެ އަދަދު އަދަދު އިތުރުކުރާނެ ކަމަށެވެ.

އައްޑު އަށް ދަތުރުތައް ފެށީ މަސް ދުވަހުގެ ޕްރޮމޯޝަނަކާ ވެސް އެކީގަ އެވެ. އެ ޕްރޮމޯޝަންގެ މުއްދަތު އިއްޔެ ވަނީ ހަމަވެފަ އެވެ. ޕްރޮމޯޝަންގެ ތެރެއިން ކޮމްފަޓް (އިކޮނޮމީ) ކްލާހުގެ ޓިކެޓެއް ވިއްކީ 1،250ރ. އަށެވެ. އެ ކުލާހުގެ އާންމު އަގަކީ ކޮޅަކަށް 1،450ރ. އެވެ. އަދި ޕްރޮމޯޝަނުގައި ސަފާޔާ (ބިޒްނެސް) ކްލާހުގައި ޓިކެޓެއް ވިއްކީ 1،850ރ. އަށެވެ. އެ ކުލާހުގެ އާންމު އަގަކީ ކޮޅަކަށް 2،400ރ. އެވެ.
މަންޓާގެ އިތުރުން ގަމަށް ޝެޑިއުލް ދަތުރުތައް ބާއްވާ ޑޮމެސްޓިކް އަނެއް އެއާލައިނަކީ ގައުމީ އެއާލައިން، މޯލްޑިވިއަން އެވެ.