ގައުމުގެ މަސްލަހަތު ގެއްލޭ ފަދަ ކަންކަން ނުކުރުމަށް މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އިން ގޮވާލައިފި އެވެ.
މާދަމާ އިދިކޮޅު ކޯލިޝަނުން މާލޭގައި "ނޭވާހޮޅިއަށް" ގެ ނަމުގައި ބާއްވަން އުޅޭ ހަރަކާތާ ގުޅިގެން އެ ހަރަކާތް ނުބޭއްވަނެކަން އަންގައި އަދި އެ ހަރަކާތުގެ ތެރޭގައި އެތައް ކަމެއްކުރަން އުޅޭ ކަމަށް ތުހުމަތުކޮށް ފުލުހުން އިއްޔެ ބަޔާނެއް ވެސް ނެރެފައި ވަނިކޮށް، އެމްއާރްއެމުން ކުރި ޓްވީޓްތަކެއްގައި ބުނީ މުޖުތަމައުގެ އަމާންކަމާއި ރައްޔިތުންގެ ރައްކާތެރިކަމަށް ނުރައްކާވެ، އާންމު މަސަލަހަތު ގެއްލޭ ގޮތަށް އެއްވެސް ސިޔާސީ ޙަރަކާތެއް ހިންގުމަކީ އެ ޕާޓީން ބަލައި ގަންނާނެ ކަމެއް ނޫން ކަމަށެވެ.
"[އަދި އެއީ] ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމެއް." ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އިސްކޮށް ހުންނަވާ ޕާޓީން ބުންޏެވެ.
އެ ޕާޓީން ވަނީ ސުލްހަވެރި އެއްވުމަށް ޖާގަ ދޭން ސަރުކާރަށް ގޮވާލައިފަ އެވެ.
އެއްވެއުޅުމުގެ ޤާނޫނުން ލިބިދޭ ޙައްޤުތައް ހަނިކޮށް، ކުރީ ސަރުކާރުން 2016 ވަނަ އަހަރު ޤާނޫނަށް ގެނައި ބަދަލު އުވާލުމަކީ މި ސަރުކާރު ކޯލިޝަނުން އެއްބަސްވެ، ރައްޔިތުންނަށް ވެފައިވާ ވަޢުދަކަށްވާއިރު، އެކަން އަވަސްކުރުމަށް މި ޕާޓީން ރައްޔިތުންގެ މަޖިލީހަށް ގޮވާލަން.
2/2— Maldives Reform Movement (MRM) 🇲🇻 (@MRM_Office) March 23, 2022
"އެއްވެއުޅުމުގެ ޤާނޫނުން ލިބިދޭ ހައްގުތައް ހަނިކޮށް، ކުރީ ސަރުކާރުން 2016 ވަނަ އަހަރު ޤާނޫނަށް ގެނައި ބަދަލު އުވާލުމަކީ މި ސަރުކާރު ކޯލިޝަނުން އެއްބަސްވެ، ރައްޔިތުންނަށް ވެފައިވާ ވަޢުދަކަށްވާ އިރު، އެކަން އަވަސްކުރުމަށް މި ޕާޓީން ރައްޔިތުންގެ މަޖިލީހަށް ގޮވާލަން." އެމްއާރްއެމުން ބުންޏެވެ.
މާދަމާ ހަވީރު ޕީޕީއެމް/ޕީއެންސީން ބާއްވަން ރާވަމުންދާ ހަރަކާތުގައި ގޭންގްތައް ބައިވެރިކުރަން އުޅޭ ކަމަށް ފުލުހުން ނެރުނު ބަޔާނުގައި ތުހުމަތުކޮށްފައުވެ އެވެ. އެގޮތުން މާލޭގައި އުޅޭ ކުށްކުރާ ގްރޫޕްތައް ހޯދައި އެއްވުމުގައި ބައިވެރިކުރުމަށް އެއްވުން އިންތިޒާމު ކުރާ ފަރާތްތަކުން ރާވަމުންދާ ކަމަށާއި އެއްވުމުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ދަތިކުރުމުގެ ގޮތުން އެއް ވަގުތެއްގައި އެކި ސަރަޙައްދުތަކަށް ބައިބަޔަށް މީހުން ނުކުތުމަށް ވެސް ރާވަމުންދާ ކަމަށް ބަޔާނުގައި ބުންޏެެވެ.
ފުލުހުން ވަނީ އެ އެއްވުމަކީ، ސުލްޙަވެރިކަމާ އެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނާ އެއްގޮތަށް ބާއްވާ އެއްވުމަކަށް ނުވާތީ އާއި އެއްވުން ނުބޭއްވުމަށް ޕީޕީއެމަށް އަންގާފައިވާތީ ބަޔަކު އޭގައި ބައިވެރި ނުވުމަށް ވެސް އިލްތިމާސްކޮށްފަ އެވެ.
"ޤާނޫނާ ޚިލާފަށް އެއްވުން ބޭއްވުމަށް ފުރުޞަތު ނުދޭނެކަމަށާއި، މިއެއްވުމުގައި ބައިވެރިވެ، ޤާނޫނާއި ޚިލާފު އަމަލުތަކަށް މަގުފަހިކުރުވާކަމަށް ތުހުމަތުކުރެވޭ އެއްގަމު އުޅަނދާއި، ކަނޑު އުޅަނދު ބަލައި ފާސްކުރާނެ ކަމަށާއި، އަދި މިފަދަ އެއްވުމެއް ބާއްވައިފިނަމަ އެއްވުން ރޫޅާލާ، ޤާނޫނާ ޚިލާފުވާ ފަރާތްތަކާ މެދު ޤާނޫނީ އިމުގެ ތެރެއިން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ވާހަކަ ދަންނަވަން." ބަޔާނުގައި ބުންޏެވެ.
ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް (އަދުރޭ) ވިދާޅުވީ މި ސަރުކާރު މިހާރު އޮތީ ނޭވާ ހޮޅިއަށް އެޅިފައި ކަމަށާއި އެއްވުމަށް ޖާގަ ދޭން ނުކުރެނީ އެ ސަބަބާއި ގުޅިގެން ކަމަށެވެ. އަދި މި ވަގުތު މާލޭގައި މިފަދަ ހަރަކާތެއް ބާއްވައިފި ނަމަ އެ ހަރަކާތުގައި ބައިވެރިވާނެ މީހުންގެ އަދަދު ސަރުކާރަށް އަންދާޒާ ކުރެވޭނެ ކަމަށާއި އެފަދަ އަދަދަކަށް މާލޭގައި މީހުން އެއްވެއްޖެ ނަމަ ސަރުކާރު ދެމި އޮންނާނެ ކަމާމެދު ސަރުކާރަށް މިހާރު ޝައްކުވާ ކަމަށްވެސް އަދުރޭ ވިދާޅުވި އެވެ.
blockquote>"އެހިސާބަށް ދިޔައިމަ ކޮންމެސް ބަހަނާއެއް ދައްކާފައި ހަރަކާތް ހުއްޓުވަން ވެގެން ދޮގު ތުހުމަތުތަކެއް ޕާޓީގެ ބޮލުގައި މި އަޅުވަނީ." އަދުރޭ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އިދިކޮޅު އެއްވުމުގައި ގޭންގުތައް ބައިވެރިކުރަން އުޅޭކަމަށް ފުލުހުން ބުނެފައިވާތީ އެއީ ކޮން ބައެއްކަން އަންގައި ދިނުމަށް ފުލުހުންނަށް މިހާރު ސިޓީއަކުން ދަންނަވާފައި ވާނެ ކަމަށެވެ.