Last Updated: April 20, 19:35
Saturday, April 20, 2024
ޚަބަރު

ރައީސްގެ ދަތުރުގައި އައްޑޫ ބިން ހިއްކަން ހަވާލުކުރަނީ

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ހޮނިހިރު ދުވަހު އައްޑު އަށް ކުރައްވާ ދަތުރުގެ ތެރެއިން އައްޑޫ ބިން ހިއްކުމުގެ މަޝްރޫއު ބަޔަކާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރާ ގޮތަށް ހަމަޖެހިއްޖެ އެވެ.

މި ދަތުރުގެ ތެރެއިން އެންމެ މުހިއްމު އެއް ކަމަކީ އިންޑިއާ ސަރުކާރުގެ އެހީގައި އައްޑޫގައި ހިންގާ ބިން ހިއްކުމުގެ މަޝްރޫއު ބަޔަކާ ރަސްމީކޮށް ހަވާލުކުރުމުހެ އެއްބަސްވުމުގައި ސޮއިކުރެއްވުމެވެ.

މިދިޔަ ފެބްރުއަރީގައި އައްޑޫ މޭޔަރު އަލީ ނިޒާރު ވިދާޅުވެފައިވާ ގޮތުގައި ބިން ހިއްކާނެ ބަޔަކު ސަރުކާރުން އޮތީ އެވޯޑްކޮށްފަ އެވެ. މި މަޝްރޫއު ބަޔަކާ ހަވާލުކުރާ އިރި، ބައެއް ޖަމިއްޔާތަކުން ވަނީ ބިން ހިއްކައިފި ނަމަ އިޔާދަނުކުރެވޭ ވަރުގެ ގެއްލުންތަކެއް އައްޑޫގެ ވެއްޓަށް ލިބިދާނެ ކަމަށް ބުނެ އެ މަޝްރޫއު ހުއްޓާލަން ގޮވާލައިފަ އެވެ.

ނަމަވެސް ތިމާވެއްޓާ ބެހޭ މިނިސްޓަރު އައިމިނަތު ޝައުނާ އާއި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ ބިން ހިއްކުމިހެ މަޝްރޫއު ކުރިއަށް ގެންދާނެ ކަމަށާއި އެކަން ކުރާނީ ގެއްލުން ކުޑަވާ ގޮތަށް ކަމަށެވެ.

އައްޑޫގެ ބިން ހިއްކުމާ ގުޅޭ މުހިއްމު ބައެއް ކަންކަން:

* ޖުމްލަ 236.5 ހެކްޓަރު ހިއްކުން.
* ހިތަދޫން 90 ހެކްޓަރުގެ ބިން ހިއްކުން
* ހުޅުމީދޫން 23.3 ހެކްޓަރުގެ ބިން ހިއްކުން
* މަރަދޫ/މަރަދޫފޭދޫން 76 ހެކްޓަރުގެ ބިން ހިއްކުން
* ޓޫރިޒަމަށް ހާއްސަކޮށްގެން ފަޅުތެރެއިން ހިއްކައިގެން އުފައްދާ 8.3 ހެކްޓަރުގެ ތިން ރަށާއި 5 ހެކްޓަރުގެ ދެ ރަށް ހިއްކުން
* ބިން ހިއްކުމަށް ގާތްގަނޑަކަށް 70 މިލިއަން ޑޮލަރު (1 ބިލިއަން ރުފިޔާ) ހަރަދުވާނެ
* ބިން ހިއްކުމުގެ މަޝްރޫއު ރަސްމީކޮށް އިއުލާންކުރީ ފެބްރުއަރީ 21، 2021 ގައި

ދެހާސް ނަވާރައިގެ ފަހުން ރައީސް އައްޑު އަށް ކުރައްވާ ދަތުރުގެ ތެރެއިން ކުރައްވާނެ އިތުރު މުހިއްމު ކަންކަމުގެ ތެރޭގައި އައްޑޫ ޕޮލިސް އެކެޑެމީ ހުޅުވުމާއި މަގު ހެދުމުގެ މަޝްރޫއު އިފުތިހާހުކޮށް ދެއްވުމާއި މީދު އާއ މަރަދު އާއި މަރަދޫފޭދޫ ބަނދަރު ހުޅުއްވައި ދެއްވުމާއި ހުޅުދޫގައި ހަދާފައިވާ ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ސެންޓަރު ހުޅުވުމުގެ އިތުރަށް ހިތަދޫގައި އަމިއްލަ ފަރާތަކުން ބިނާކުރި މަސްޖިދުލް އިބްރާހީމް ހުޅުވުން ހިމެނެ އެވެ.

ރައީސްގެ އައްޑޫ ދަތުރި ނިންމަވާލައްވާނީ ހޯމަ ދުވަހު އެވެ. އެންމެ ދެކުނަށް ކުރައްވާ ދަތުރުގެ ތެރެއިން ރައީސް ފުވައްމުލަކަށް ވެސް ވަަޑައިގަންނަވާނެ އެވެ.