އިދިކޮޅު ޕީޕީއެމް ޕީއެންސީން މާދަމާ މާލޭގައި ބާއްވާ "އިންޑިއާ އައުޓް"މުޒާހަރާއަކީ ރަޔަޓް ހިންގަން ބާއްވާ އެއްވުމެއް ކަމަށް ކުރީގެ ނައިބުރައީސް އަހުމަދު އަދީބުގެ، މޯލްޑިވްސް ތަރޑް-ވޭ ޑިމޮކްރާޓްސް (އެމްޓީޑީ)އިން ބުނެފިއެވެ.
އިދިކޮޅުން މާދަމާ މޭލެގެ އެކި ސަރަހައްދުތަކުގައި "އިންޑިއާ އައުޓް" މުޒާހަރާ ބޭއްވުމަށް ނިންމާފައިވާއިރު، އެކަމާ ގުޅިގެން ކުރި ޓްވީޓެއްގައި އެމްޓީޑީން ބުނެފައިވަނީ އެމުޒާހަރާ އަކީ ގައުމުގެ ހަމަޖެހުން ނަގާލާ ސީދާ ރަޔަޓް ހިންގަން ބާއްވާ އެއްވުމެއް ކަމަށެވެ. އަދި މިއީ އެއްވެސް ރައްޔިތެއްގެ ހައްގެއް ހޯދަން ކުރާ ކަމެއްނޫން ކަމަށެވެ.
"އެހެންކަމުން އެމްޓީޑީ އިން ގޮވާލަނީ ޒުވާނުންނާއި ރައްޔިތުން މިގާނޫނާ ހިލާފު މުޒާހަރާގައި ބައިވެރި ނުވުމަށެވެ!" އެމްޓީޑީގެ ޓްވީޓްގައިވެއެވެ.
މާދަމާ ޕީޕީއެމް އިން ބާއްވާ މުޒާހަރާ އަކީ ގައުމުގެ ހަމަޖެހުން ނަގާލާ ސީދާ ރަޔަޓް ހިންގަން ބާއްވާ އެއްވުމެކެވެ. މީ އެއްވެސް ރައްޔިތެއްގެ ހައްގެއް ހޯދަން ކުރާ ކަމެއްނޫނެވެ. އެހެންކަމުން އެމްޓީޑީ އިން ގޮވާލަނީ ޒުވާނުންނާއި ރައްޔިތުން މިގާނޫނާ ހިލާފު މުޒާހަރާގައި ބައިވެރި ނުވުމަށެވެ!
— Maldives Third-Way Democrats (@MTDSecretariat) March 24, 2022
އިދިކޮޅުން ބެއްވުމަށް ނިންމާފައިވާ އެއްވުމާ ގުޅިގެން ފުލުހުން ބުނެފައިވަނީ މި އެއްވުމަކީ ޞުލްޙަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ޤާނޫނާ އެއްގޮތަށް ބާއްވާ އެއްވުމެއް ނޫންކަމަށް ބެލެވޭ ތަފާތު ސަބަބުތައް ފެންނަން ހުރުމާއި މިފަދަ އެއްވުމުގެ ސަބަބުން އާންމު ސަލާމަތާއި ރައްކާތެރިކަމަށް ބުރޫ އެރުމުގެ ފުރުޞަތު ބޮޑުވުމުގެ ސަބަބުން، މިއެއްވުން ނުބޭއްވުމަށް ޕީޕީއެމް އަށް އަންގާފައިވާ ކަމަށެވެ.
މި އެއްވުމުގައި ބައިވެރިވުމަށް، ރަށްރަށުން މީހުން ގެންނަ ގޮތަށް ހަމަޖެހިފައިވާ ކަމަށާއި އަދި ގިނަ ޢަދަދެއްގެ ދުއްވާ އެއްޗެހި ބޭނުން ކޮށްގެން މާލޭގެ ބޮޑެތި މަގުތައް ބްލޮކް ކޮށް ރައްޔިތުންނާއި ޢާންމު ދަތުރު ފަތުރާއި ޚިދުމަތްތަކަށް ހުރަސް އެޅޭ ގޮތަށް ކަންތައްތައް ކުރުމަށް ރާވަމުންދާ ކަމަށް ފުލުހުން ބުނެ އެވެ.
އެގޮތުން މާލޭގައި އުޅޭ ކުށްކުރާ ގްރޫޕްތައް ހޯދައި އެއްވުމުގައި ބައިވެރިކުރުމަށް އެއްވުން އިންތިޒާމު ކުރާ ފަރާތްތަކުން ރާވަމުންދާ ކަމަށްވެސް ފުލުހުން ވަނީ ބުނެފަ އެވެ. އަދި އެއްވުމުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ދަތިކުރުމުގެ ގޮތުން އެއްވަގުތެއްގައި އެކި ސަރަޙައްދުތަކަށް ބައިބަޔަށް މީހުން ނުކުތުމަށް ވެސް ރާވަމުންދާ ކަމަށް ބަޔާނުގައި ވެ އެވެ.
އިދިކޮޅުން ކުރިއަށްގެންދާ "އިންޑިއާ އައުޓް" ކެމްޕޭން ރާއްޖޭގެ އެކި ރަށްރަށުގައި ކުރިއަށް ގެންދަމުން އަންނައިރު، ޕީޕީއެމާ އިދިކޮޅު ފިކުރުގެ ސިޔާސީ ފަރާތްތަކުން ދެކޭގޮތުގައި އެ ހަރަކާތަކީ ރައީސް ޔާމީންގެ މައްޗަށް ތުހުމަތުކުރެވޭ އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލަތަކުގެ ފޯކަސް ގެއްލުވާލުމަށް ކުރިއަށްގެންދާ ހަރަކާތެކެވެ.