Last Updated: July 18, 17:34
Saturday, July 18, 2026
ކުޅިވަރު

އިޓަލީ އަށް ވޯލްޑް ކަޕުން ޖާގަ ގެއްލިއްޖެ

ވޯލްޑް ކަޕް ކޮލިފައިން ޕްލޭއޮފުގައި މިރޭ ނޯތް މެސެޑޯނިއާ އަތުން 1-0 އިން ބަލިވެ ވޯލްޑް ކަޕުން އިޓަލީ އަށް ޖާގަ ގެއްލިއްޖެ އެވެ.

މިއީ އިޓަލީ ވޯލްޑް ކަޕަށް ޖެހިޖެހިގެން ކޮލިފައި ނުވި ދެވަނަ ފަހަރެވެ. 2018 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕަށް ވެސް އިޓަލީ ކޮލިފައި ނުވީ ޕްލޭއޮފް މެޗުން ބަލިވުމުންނެވެ. އިޓަލީ އަކީ އެންމެފަހުގެ ޔޫރަޕްގެ ޗެމްޕިއަނުންނެވެ.

އިޓަލީގެ ދަނޑުގައި މިރޭ ކުޅުނު މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު ނޯތް މެސެޑޯނިއާ އަށް މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކޮށްދިނީ ޓްރަކޯވްސްކީ އެވެ. އޭނާ މި ގޯލު ކާމިޔާބު ކުރީ އިޓަލީގެ ޕެނަލްޓީއޭރިއާގެ ބޭރުގައި ހުރެ ފޮނުވާލި ހަމަލާއެއް ގޯލުގެ ކަނަށް އަމާޒުކޮށްލައިގެންނެވެ.

މި މެޗުގައި އިޓަލީން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނު ނަމަވެސް މާ ނުރައްކާތެރި ހަމަލާތަކެއް އެޓީމަށް ނޯތް މެސެޑޯނިއާގެ ގޯލަށް ފޮނުވާލެވިފައެއް ނުވެ އެވެ.

ޕްލޭއޮފްގެ ފަހު ބުރުގައި ނޯތް މެސެޑޯނިއާ ބައްދަލުކުރާނީ ތުރުކީގެ މައްޗަށް 3-1 އިން މިރޭ ކުރި ހޯދި ޕޯޗުގަލްއާ އެވެ. ޕޯޗުގަލްގެ ގޯލުތައް މި މެޗުގައި ކާމިޔާބުކޮށްދިނީ އޮޓާވިއޯ އާއި ޖޯޓާގެ އިތުރުން ނުނޭސް އެވެ.

ޕްލޭއޮފްގައި މިރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ވޭލްސް އިން ވަނީ ޕޮލެންޑުގެ މައްޗަށް 2-1 އިން ކުރި ހޯދާފަ އެވެ.

ވޯލްޑް ކަޕްގެ ގުރުއަތުލުން އޮންނާނީ އަންނަ މަހުގެ އެއްވަނަ ދުވަހު އެވެ.