ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ މިދިޔަ އަހަރުގެ ފައިނަލް ޑިވިޑެންޑްގެ ގޮތުގައި ބޭންކް ތާރީހުގައި ވެސް ފުރަތަމަ ފަހަރަށް ހިއްސާއަކަށް 35ރ. ބަހަން ބީއެމްއެލްގެ ޑިރެކްޓަރުންގެ ބޯޑުން ނިންމައިފި އެވެ.
ގައުމީ ބޭންކުން ބުނި ގޮތުގައި އެބޭންކުގެ ޑިރެކްޓަރުންގެ ބޯޑުން ފާސްކުރީ މިދިޔަ އަހަރުގެ ފައިނަލް ޑިވިޑެންޑްގެ ގޮތުގައި ހިއްސާއަކަށް 35ރ.ގެ މަގުން 188.3 މިލިއަން ރުފިޔާ އަދި އިންޓަރިމް ޑިވިޑެންޑްގެ ގޮތުގައި ހިއްސާއަކަށް 13ރ. ގެ މަގުން ޖުމްލަ 69.9 މިލިއަން ރުފިޔާ ހިއްސާގެ ފައިދާގެ ގޮތުގައި ބެހުމަށެވެ.
ފައިނަލް ޑިވިޑެންޑްގެ ގޮތުގައި ކަނޑައަޅާފައިވާ އަދަދު ބަހާނީ، އަހަރީ އާންމު ޖަލްސާ އަށް ހުށަހަޅައި ފާސްކޮށްގެން ކަމަށް ވެސް ބީއެމްއެލް އިން ބުންޏެވެ. ބޭންކުގެ ހިއްސާގެ ފައިދާ ބަހާނީ އަންނަ މަހުގެ 10 ގެ ކުރިން ހިއްސާދާރުންގެ ގޮތުގައި ރަޖިސްޓްރީވެފައިވާ މީހުންގެ މެދުގަ އެވެ.
ހިދުމަތުގައި އުޅޭތާ މި އަހަރުގެ ނޮވެމްބަރު 11 އަށް 40 އަހަރު ފުރޭ ބީއެމްއެލުން ވަނީ 2020 ގެ ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާއަކަށް 15ރ. މަގުން ޖުމްލަ 80.7 މިލިއަން ރުފިޔާ ބަހައިފަ އެވެ.