މިއަދު ކުރިއަށް ގެންދިޔަ އައްޑޫގެ ތިން ދާއިރާއެއްގެ ޕީޕީއެމް ޕްރައިމަރީގައި ވާދަ ކުރި ހިތަދޫ މެދު ދާއިރާގެ ގޮނޑި މިހާރު ވެސް ފުރުއްވާ މުހައްމަދު ރަޝީދު (މެޓްރިކްސް މޯޑް) ޕްރައިމެރީން ފެއިލްވެ، ޓިކެޓް ހިޔަލީ މުހައްމަދު ރަޝީދު އާއި އަލީ އިބްރާހިމްގެ އިތުރުން ހުޅުދޫ ޝާޑް ކާމިޔާބްކޮށްފި އެވެ.
ހިތަދޫ މެދު ދާއިރާއިން މިހާރު އެދާއިރާ ތަމްސީލު ކުރާ މުހައްމަދު ރަޝީދު (މެޓްރިކްސް މޯޑް) އަދި ހިތަދޫ ބްލޫ ވިލާ މުހައްމަދު ލަޠީފް އާ ވާދަކޮށް ހިޔަލީ ހޮވިފައިވަނީ ބޮޑު ތަފާތަކުންނެވެ.
ހިޔަލީ ވަނީ 363 ވޯޓު ހޯއްދަވާފަ އެވެ. މުހައްމަދު ލަޠީފަށް ލިބުނީ 188 ވޯޓެވެ. މެޓްރިކްސް މޯޑުއަށް ލިބުނީ 122 ވޯޓެވެ.
ހިތަދޫ އުތުރު ދާއިރާއިން އަލީ އިބްރާހިމް ޕްރައިމަރީ ޓިކެޓް ކާމިޔާބް ކުރީ 172 ވޯޓުންނެވެ. އެދައިރާއިން ވާދަކުރި އަހުމަދު ސައީދަށް ލިބުނީ 134 ވޯޓެވެ.
މޫސާ ދިދީއަށް 43 ވޯޓު ލިބުނު އިރު ޖިނާން ޖަލީލުއަށް ލިބުނީ 92 ވޯޓެވެ.
ހުޅުދޫ ދާއިރާއިން މޭވާގަސްދޮށުގޭ މުހައްމަދު ޝާހިދް (ޝާޑް) ވަނީ 266 ވޯޓު ހޯއްދަވައިގެން އެދާއިރާ ޓިކެޓް ކާމިޔާބްކޮށްފައެވެ. މޫސާ ސިއްދީގުއަށް 126 ވޯޓު ލިބުނު އިރު ޒުލޭހާއަށް ލިބިފައިވަނީ އެންމެ 4 ވޯޓެވެ.
މާދަމާ މެންދުރު 2 ޖަހާއިރު ފޭދޫ ދާއިރާގެ ޕީޕީއެމް ޕްރައިމަރީ ބާއްވާ ގޮތަށް މިހާރުވަނީ ހަމަޖެހިފައެވެ. އެދައިރާއިން ވާދަކުރަނީ އަހުމަދު މަރުޒޫގު އާއި އިބްރާހިމް ދީދީ (އައިބީ) އާއި މުހައްމަދު މޫއުމިން (މޫނާ)ގެ އިތުރުން ހައްވާ ޒާހިރާއެވެ.