Last Updated: June 22, 20:19
Monday, June 22, 2026
ޚަބަރު

ފުލުހުން ހިންގައި ދެނީ އެމްޑީޕީގެ ސިޔާސީ ހަރަކާތްތައް

މިހާރުގެ ސަރުކާރުން ދިވެހި ފުލުހުން ބޭނުންކުރަނީ އެމްޑީޕީގެ ސިޔާސީ ހަރަކާތްތަކަށް ކަމަށާއި ފުލުހުން އިސްކަން ދެނީ ވެސް އެ ޕާޓީގެ ސިޔާސީ ހަރަކާތްތަކަށް ކަމަށް ވިދާޅުވެ ފުލުހުންނަށް ކުރީގެ ނައިބު ރައީސް. ޑރ. މުހައްމަދު ޖަމީލު އަހުމަދު ފާޑުވިދާޅުވެއްޖެ އެވެ.

އިދިކޮޅު ކޯލިޝަނުން އިއްޔެ މާލޭގައި "ނޭވާ ހޮޅި" އަށް ގެ ނަމުގައި ބޭއްވި ހަރަކާތަށް ހުއްޓުވައި، ފުލުހުން ބަޔަކު ހައްޔަރު ވެސްކޮށްފައިވާތީ އެކަމާ ގުޅުވައިގެން ޖަމީލު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފުލުހުން އެންމެ ބޮޑު އިސްކަމެއް ދެނީ އެމްޑީޕީ އަށް ސިޔާސީ ހަރަކާތް ހިންގައިދޭން ކަމަށެވެ.

"މުޅި ރާއްޖޭގައި ވައްކަން އާންމުވެ މަސްތުވާތަކެތީގެ ފިހާރަ ހުޅުވަމުންދާ އިރު ތިޔަ ދައްކާ ފޯރި/ވަސީލަތް އެކަމުގައި ބޭނުން ނުކުރާތީ ލަދު ގަންނަން ޖެހޭ ނޫންތޯ؟ ޝަހީދުންގެ ހަނދާނަކީ މިނިވަންކަން ނޫންތޯ؟" ޖަމީލު ވިދާޅުވި އެވެ.

ޕީޕީއެމް/ޕީއެންސީ އިއްޔެގެ ހަރަކާތަށް ނުކުތީ ވެސް އެ އެއްވުން ނުބޭއްވޭނެ ކަމަށް ފުލުހުންނާއި ސީދާ ހޯމް މިނިސްޓަރު ޝައިހް އިމްރާން އަބްދުﷲ ވެސް އަންގާފައި ވަނިކޮށެވެ. އިއްޔެގެ ހަރަކާތުގައި ފުލުހުންނާއި އެއްވުމުގެ ބައިވެރިންނާ ދެމެދު ކުރިމަތިލުންތަކެއް ހިނގައި، އެއްވުން ރޫޅައިލަން ފުލުހުން ޕެޕަ ސްޕްރޭ ވެސް ޖެހި އެވެ.

މިކަމާ ގުޅުވައިގެން ޖަމީލު ފުލުހުންނަށް ފާޑުވިދާޅުވި އިރު އޭނާ ވިދާޅުވެފައި ވަނީ ސުލްހަވެރި ސިޔާސީ ހަރަކާތް ބޭއްވޭނެ ކަމަށާއި އެއީ ގާނޫނުއަސާސީން ލިބިދޭ ހައްގެއް ކަމަށެވެ. "ނޭވާ ހޮޅި" އަށް ގެ ނަމުގައި އެއްވުމެއް ބޭއްވީ އިދިކޮޅު ކޯލިޝަނުން ބާއްވަމުން އަންނަ "އިންޑިއާ އައުޓް" ކެމްޕޭންގެ ދަށުންނެވެ. އަދި އެ ހަރަކާތަށް ހުރަސް އަޅަން އިންޑިއާ ފުލުހުންތަކެއް އުޅުނު ކަމަށް ވެސް އިދިކޮޅުން ރޭ ތުހުމަތުކޮށްފައިވެ އެވެ.