Last Updated: June 13, 20:58
Saturday, June 13, 2026
ޚަބަރު

އިންޑިއާގެ ފޮރިން މިނިސްޓަރު މިއަދު އައްޑު އަށް

ޑރ.ޖައިޝަންކަރު ރައީސް ސޯލިހާއި ބައްދަލުކުރައްވަނީ - ފޮޓޯ: ރައީސް އޮފީސް

އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއާޒް ޑރ. ސުބުރަހްމަންޔަން ޖައިޝަންކަރު ރަސްމީ ދަތުރުފުޅެއްގައި މިއަދު އައްޑޫސިޓީއަށް ވަޑައިގަންނަވާގޮތަށް ހަމަޖެހިއްޖެއެވެ.

ފޮރިން މިނިސްޓްރީން ބުނެފައިވަނީ އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއާޒް ޑރ. ސުބުރަހްމަންޔަން ޖައިޝަންކަރު މިއަދު އައްޑޫސިޓީއަށް ވަޑައިގަންނަވަނީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ ދައުވަތަކަށް ކަމަށެވެ.

އެގޮތުން ޑރ. ޖައިޝަންކަރު އައްޑޫސިޓީއަށް ވަޑައިގަންނަވާނީ މިރޭ 07:15 ހާއިރު ކަމަށާއި، މިރޭ 08:15 ހާއިރު ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އަދި ޑރ. ޖައިޝަންކަރު ދެ ގައުމުގެ ދެމެދުގައި ބާއްވާ ރަސްމީ މަޝްވަރާތައް ކުރިއަށް ގެންދަވާނެ ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތުދެއެވެ.

ދެ ގައުމުގެ ދެމެދުގައި ކުރިއަށްގެންދާ ރަސްމީ ވާހަކަތަކަށްފަހު 2 އެމްއޯޔޫއެއްގައި ސޮއި ކުރުމަށް ހަމަޖެހިފައިވެއެވެ. އަދި މިރޭ 09:00 މިނިސްޓަރު ޝާހިދު އަދު ޑރ. ޖައިޝަންކަރު ޕްރެސް ރިލީޒްއެއް ދެއްވާނެއެވެ.

ފޮރިން މިނިސްޓްރީން މައުލޫމާތު ދީފައިވާގޮތުގައި ޑރ. ޖައިޝަންކަރުގެ މި ދަތުރުފުޅުގައި ރައިސް އިބްރާހިމް މުހައްމަދު ސޯލިހްއާ އައްޑޫގައި ބައްދަލުކުރައްވާގޮތަށް ވަނީ ހަމަޖެހިފައެވެ. އަދި އިންޑިއާގެ އެހީގައި އައްޑޫގައި އަޅާފައިވާ ޕޮލިސް އެކެޑަމީ ހުޅުވުމުގެ ރަސްމިއްޔާތުގައިވެސް ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް ފޮރިން މިސްޓްރީން މައުލޫމާތުދެއެވެ.

ދެ ދުވަހުގެ މުއްދަތަށް ކުރައްވާ މި ދަތުރުފުޅަށްފަހު ޑރ. ޖައިޝަންކަރު ފުރާވަޑައިގަތުމަށް ހަމަޖެހިފައިވަނީ މާދަމާއެވެ.

އައްޑޫސިޓީއަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެސް ވަޑައިގަންނަވަން ވަނީ ހަމަޖެހިފައެވެ. އެގޮތުން މިއަދު ހަވީރު ރައީސް އައްޑުއަށް ވަޑައިގަންނަވާއިރު، ޕޮލިސް އެކަޑެމީ ހުޅުވުމަށް ހަމަޖެހިފައިވަނީ މާދަމާ ހެނދުނު 10:00 ގައެވެ.