ފަޅެއް ހިއްކައިގެން ތަރައްގީކުރި އޮބްލޫ ސިލެކްޓް ލޯބިގިލި ރިސޯޓް ހުޅުވައިފި އެވެ.
ހޮސްޕިޓާލިޓީ ދާއިރާގެ މަޝްހޫރު ކުންފުނި، އެޓްމޮސްފިއާ ހޮޓެލްސް އެންޑް ރިސޯޓްސްގެ "ކަލާ އޮފް ބްލޫ" ކޮންސެޕްޓުގައި މާލެ އަތޮޅުގައި ހުޅުވި ރިސޯޓް ހަދާފައި ވަނީ މޫދު ވިލާ އާއި ބީޗް ވިލާ ހިމެނޭ ގޮތަށް ޖުމްލަ 68 ވިލާ ހިމަނައިގެންނެވެ. މި ތަނުގައި ގިނަ އަދަދެއްގެ ރެސްޓޯރެންޓްތަކާއި ސްޕާ ވެސް ހުރެ އެވެ.
ފަޅު ހިއްކައިގެން ރިސޯޓު ހަދަން ދޫކުރި ފަޅުތަކުގެ ތެރެއިން ފަޅެއްގައި ހުޅުވި އާ ރިސޯޓަކީ ބްރިޖަކުން އިތުރު ރިސޯޓަކާ ވެސް ގުޅާލައިގެންނެވެ. އެ ރިސޯޓު ހުޅުވަނީ މި އަހަރުގެ ފަހުކޮޅެވެ.
އޮބްލޫ ސިލެކްޓް ލޯބިގިލި ރިސޯޓްގައި މޫދު އަޑީގެ ރެސްޓޯރެންޓެއް ހުރެ އެވެ. މީގެ އިތުރުން ރިސޯޓުގެ އެކި ހިސާބުތަކުގައި 17 ގާޑިއާ ވެސް ބަހައްޓާފައިވެ އެވެ. އެއީ ދިވެހި ލުއި ކާނާ ލިބޭ ގޮތަށެވެ.

އެޓްމޮސްފިއާ އިމް ރާއްޖޭގައި ހަ ރިސޯޓެއް ހިންގަ އެވެ. މިހާރު ހިންގާ ރިސޯޓުތަކުގެ އިތުރުން އޮބްލޫ ސިލެކްޓް އެކްސްޕީރިއަންސް އައިލަފުށި ނަމުގައި ވެސް ރިސޯޓެއް ހެދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އެ ރިސޯޓު ހުޅުވާނީ މި އަހަރުގެ މެއި މަހުގެ ތެރޭގަ އެވެ.