އިއްޔަ އިދިކޮޅު ޕީޕީއެމް ޕީއެންސީން މުޒާހަރާ ކުރިއަށްގެންދިޔަ ވަގުތު އެސަރަހައްދުގައި ހަރަކާތްތެރިވަނިކޮށް ފޮޓޯ ދައުރުކުރި ބިދޭސީ މީހަކީ މެޑިކަލް ޓީމުގައި ހިމެނޭ މީހެއްކަމަށް ފުލުހުން ބުނެފިއެވެ.
އިއްޔަގެ މުޒާހަރާގައި ފުލުހުންގެ ވެހިކަލްގައި ބިދޭސީއަކު އިންކަމަށްބުނެ ބައެއް ފަރާތްތަކުން ވަނީ، ފުލުހުންގެ ވެހިކަލްގައި އިންޑިއާގެ މީހަކު އިނދެގެން ފުލުހުންނަށް ކޮމާންޑްދެމުން ދިޔަކަމަށް ބުނެފައެވެ.
މިކަމާ ގުޅިގެން މީޑިއާތަކުން ކުރި ސުވާލަށް ޖަވާބު ދެމުން ފުލުހުން ބުނެފައިވަނީ، އެއީ ފުލުހުންގެ ޚިދުމަތުގެ ވަޒީފާގައި ސިއްހީ ހިދުމަތް ދޭ ބަހާގައި މަސައްކަތްކުރާ ބިދޭސީ މުވައްޒަފެއް ކަމަށެވެ.
އަދި އިއްޔަ ބޭއްވި މުޒާހަރާގައި މުވައްޒަފު މަސައްކަތްކޮށްފައިވަނީ ފުލުހުންގެ މެޑިކަލް ޓީމާއެކުގައި ކަމަށެވެ.
"ބައެއް ނޫސްތަކުން މިމުވައްޒަފުގެ ފޮޓޯ އަދި މައުލޫމާތު ހާމަކުރި ގޮތުގެ ސަބަބުން މުވައްޒަފަށް އިންޒާރު ލިބެމުންދާކަމަށް މުވައްޒަފުގެ ފަރާތުން މައުލޫމާތު ލިބިފައިވޭ." ފުލުހުން ބުނެފައިވެއެވެ.
ވަރަށް ބޮޑު މުޒާހަރާއެއްގެ ގޮތަށް އިއްޔަގެ "އިންޑިއާ އައުޓް" މުޒާހަރާ ކުރިއަށް ގެންދިއުމަށް އިދިކޮޅުުން މަސައްކަތް ކުރިނަމަވެސް، ހީކުރިވަރުގެ ތަރުހީބެއް މުޒާހަރާއަށް ލިބިފައެއްނުވެއެވެ.