Last Updated: June 30, 04:35
Monday, June 29, 2026
ޚަބަރު

ނަތީޖާ ގަބޫލެއް ނުކުރަން: މޯޑް

މެދު ދާއިރާ އަށް ވާދަ ކުރައްވާ މޯޑް ވޯޓް ލައްވަނީ. ފޮޓޯ/ އައްޑޫ ލައިވް

އިއްޔެ ބޭއްވި ހިތަދޫ މެދު ދާއިރާގެ ޕްރައިމަރީ ގަބޫލް ނުކުރައްވާ ކަމަށް ޕްރައިމަރީން ފެއިލްވި އަދި މިހާރު ވެސް އެ ދާއިރާ ތަމްސީލް ކުރައްވާ މުހައްމަދު ރަޝީދު (މެޓްރިކްސް މޯޑް) ވިދާޅުވެއްޖެ އެވެ.

"އައްޑޫ ލައިވް" އާ ވާހަކަ ދައްކަވަމުން މޯޑު ވިދާޅުވީ ޕްރައިމަރީ ގަބޫލް ނުކުރަނީ ގިނަ ސަބަބުތައް ހުރެގެންނެވެ. އަދި އެކަން ޕީޕީއެމްއަށް ރަސްމީކޮށް ހުށަހަޅާފައިވާ ކަމަށެވެ.

"އަޅުގަނޑު ވޯޓާސް ލިސްޓްގައި ސޮއެއް ވެސް ނުކުރަން. އިންތިހާބްގެ ކަންކަން ދިޔައީ އިންސާފުވެރި ގޮތަކަށް ނޫން،" އޭނާ ވިދާޅުވި އެވެ.

ފެބްރުއަރީ 7، 2012 ގައި ރައީސް ނަޝީދުގެ ވެރިކަމުން އިސްތިއުފާ ދެއްވުމަށް ފަހު ފެބްރުއަރީ 8 ވަނަ ދުވަހު އައްޑޫގެ ކޯޓްތަކާއި، ޕޮލިސް ސްޓޭޝަންތައް އަންދާލި މައްސަލަ އާއި ގުޅިގެން ދައުލަތުން ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ މޯޑް ވިދާޅުވީ އޭނާ ނިންމާ ގޮތެއް މިއަދު މެންދުރު 3:00 ޖެހުމުގެ ކުރިން ހާމަ ކުރާނެ ކަމަށެވެ.

މެދު ދާއިރާގެ ޕްރައިމަރީ ހިޔަލީ މުހައްމަދު ރަޝީދު ކާމިޔާބްކޮށްފައި ވަނީ 363 ވޯޓުންނެވެ. މޯޑަށް ލިބިވަޑައިގަތީ 122 ވޯޓެވެ.

ދެހާސް ވަނަ އަހަރު ބޭއްވި މަޖްލިސް އިންތިހާބް މެޓްރިކްސް މޯޑު ކާމިޔާބް ކުރެއްވީ ހިޔަލީ އާއި ވާދަކޮށް ވަރަށް މަދު ވޯޓުކޮޅަކުންނެވެ.