Last Updated: May 12, 17:21
Sunday, May 12, 2024
ޚަބަރު

އައްޑޫގެ އެންމެ ބޮޑެތި މަޝްރޫޢުތައް މި ސަރުކާރުގައި

ރައީސުލްޖުމްހޫރިއްޔާ އައްޑޫ ސިޓީކައުންސިލާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާ ބައްދަލުކުރައްވަނީ

އައްޑޫގައި މިހާރު ކުރިޔަށްދާ ތަރައްޤީގެ މަޝްރޫޢުތަކަކީ މުޅި އައްޑޫގެ ތާރީޚުގައި ވެސް ކުރިޔަށްދާ އެންމެބޮޑެތި މަޝްރޫޢުތައް ކަމަށް އެ ސިޓީގެ ކައުންސިލުން ބުނެފި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ހަވީރު އައްޑު އަށް ވަޑައިގެންނެވުމަށް ފަހު މިރޭ ވަނީ އައްޑޫ ސިޓީ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާ ބައްދަލުކުރައްވާފަ އެވެ، އެ ބައްދަލުވުގައި އެ ސިޓީގެ ތަރައްޤީގެ މުހިންމު މަޝްރޫޢުތަކާ ގުޅޭގޮތުން ކައުންސިލާ ރައީސް މަޝްވަރާކުރައްވާފައިވާ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފަ އެވެ.

މި ބައްދަލުކުރެއްވުމުގައި ސިޓީ ކައުންސިލުން ވަނީ އެ ސިޓީގައި ކުރިޔަށްދާ ބައެއް މަޝްރޫޢުތަކުގެ އެންމެފަހުގެ މަޢުލޫމާތުތައް ހިއްޞާކުރައްވާފައެވެ. އަދި އައްޑޫ ސިޓީގައި މިހާރު ކުރިއަށްދާ މަޝްރޫއުތަކަކީ ތާރީހީ ބޮޑެތި މަޝްރޫއުތަކެއް ކަން އައްޑޫ ސިޓީ ކައުންސިލުން ފާހަގަ ކުރައްވައި، މިހާރު ބޭނުންވާ އިތުރު ކަންކަމުގެ ވާހަކަ ރައީސަށް ކައުންސިލުން ވަނީ ހުށައަޅާފައި ކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލަރުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ސިޓީގެ ބޯހިޔާވަހިކަމުގެ ދަތިކަމަށް ލުޔެއް ހޯދުމަށް ބޭނުންވާކަންކަމާއި އައްޑޫގައި ފަތުރުވެރިކަން ތަރައްޤީކޮށް ކުރިއެރުވުމަށް ބޭނުންވާކަންކަމާއި އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލާއި ގުޅޭގޮތުން ހުރި ކަންބޮޑުވުންތައް ޙިއްޞާކުރެއްވުމާ ސިޓީ ކައުންސިލުގެ ބަޖެޓް އިތުރުކުރުމާއި ޒޯން ސްޓޭޑިއަމްގެ ލައިޓިން ހަރުކުރުންފަދަ ޒުވާނުންނަށް ބޭނުންވާ ކަންކަމާއި ވަޞީލަތްތަކާއި އިޖްތިމާޢީ މައްސަލަތައް ޙައްލުކުރުމާއި، އިންސާނީ ވަޞީލަތް އިތުރުކުރުމާއެކު އިތުރު ވަޞީލަތްތައް ބޭނުންވާކަމާއި އަދި މި ނޫންވެސް ސިޓީގެ ތަރައްޤީއަށް ބޭނުންވާ މުހިންމު ކަންކަން ހިމެނެއެވެ." ރައީސް އޮފީހުން ބުނެފައިވެއެވެ،

މީގެ އިތުރުން ވެސް ޞިއްޙީ ޚިދުމަތުގެ ފެންވަރު މަތިކުރުމަށް ބޭނުންވާ ކަންކަމާއި މަގުތައް ތަރައްޤީކުރުމުގައި ސިޓީ ކައުންސިލުން ބޭނުންވާ ކަންކަމާއި ސިޓީގެ ތަރައްޤީއަށް ކުރިޔަށްގެންދާ ބައެއް މަޝްރޫޢުތަކާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތައް ސިޓީ ކައުންސިލުން ފާހަގަކުރި އެވެ،

މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ސަރުކާރުން އެކި ރަށްރަށާއި ސިޓީތަކުގައި ކުރިޔަށްގެންދާ މަޝްރޫޢުތައް ކުރިޔަށް ގެންދަވާނީ ކައުންސިލާއި ރައްޔިތުންގެ ޚިޔާލު ހޯއްދަވައިގެންކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މި ބައްދަލުކުރެއްވުމުގައި ސިޓީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމާއި ތަރައްޤީގެ މަޝްރޫޢުތަކުގެ އެންމެފަހުގެ މަޢޫލޫމާތުތައް ރައީސުލްޖުމްހޫރިއްޔާއާއި އެމަނިކުފާނުގެ އަރިހުގައި ވަޑައިގެންނެވި ޓީމުން ކައުންސިލާ ޙިއްޞާކުރެއްވިއެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ އައްޑޫ ސިޓީގެ ބައެއް ބޮޑެތި މަޝްރޫޢުތަކާ ގުޅޭގޮތުން ވެސް ސިޓީ ކައުންސިލާ މަޝްވަރާކުރައްވާފައެވެ. އަދި ކައުންސިލުން ހުށަހެޅި ކަންކަމުގައި ސަރުކާރުގެ އިދާރާތަކާ މަޝްވާރަކުރައްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ

އައްޑޫ ސިޓީގައި ޤާއިމުކޮށްފައިވާ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް ރަސްމީގޮތުން ރައީސް ސޯލިހް މާދަމާ ހުޅުވައިދެއްވުމަށް ވަނީ ހަމަޖެހިފައިވެއެވެ.އަދޮ ތަރައްގީގެ ބައެއް މަޝްރޫއުތައް މާދަމާ އައްޑޫގައި ފައްޓަވާނެ އެވެ.