Last Updated: June 27, 13:13
Saturday, June 27, 2026
ޚަބަރު

ހުޅުމީދޫ ޑްރަގް ސެންޓަރުގެ ކޭޓަރިން ބީލަމަށް

ހުޅުމީދޫ ޑިޓޮކްސް ސެންޓަރު. ފޮޓޯ/ އިބްރާހީމް ޒުހުރީ

މިއަދު ރަސްމީކޮށް ހުޅުވަން ހަމަޖެހިފައިވާ އައްޑޫ ހުޅުމީދޫ ޑްރަގް ޓްރީޓްމަންޓް އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރަށް އެއް އަހަރު ދުވަހުގެ މުއްދަތަށް ކޭޓަރިންގެ ހިދުމަތްދޭނެ ބަޔަކު ހޯދަން ބީލަމަށް ހުޅުވާލައިފި އެވެ.

ނޭޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ) އިން ބުނީ އެކަން ކޮށްދޭން ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 4 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.

ޑްރަގް ޓްރީޓްމަންޓް އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރު ހުޅުމުގެ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ވަމުން އަންނަ އިރު، އެތަން މާދަމާ ހެނދުނު ބާއްވާ ރަސްމިއްޔާތެއްގައި ހުޅުއްވައި ދެއްވާނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހެވެ. ރައީސް އައްޑު އަށް ވަޑައިގެންނެވީ އިއްޔެ އެވެ.

ޑްރަގް ޓްރީޓްމަންޓް އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރަކީ އިންޑިއާ ސަރުކާރުގެ އެހީގައި ހަދާފައިވާ ތަނެކެވެ. އެތަން އިމާރާތްކުރުމުގެ މަސައްކަތް ނިމުނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ. ރެއިންބޯ ކޮންސްޓްރަކްޝަނާ ހަވާލުކޮށްގެން ހެދި ސެންޓަރުގެ އަމަލީ މަސައްކަތް ފެށީ ޑިސެމްބަރު 12، 2020 ގަ އެވެ.
އިންޑިއާ ސަރުކާރުން 7.9 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށް ގެންދިޔަ މި މަޝްރޫއަށް ދިވެހި ސަރުކާރުން 7.1 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ.