މިދިޔަ ހުކުރު ދުވަހު މާލޭގައި "ނޭވާހޮޅިއަށް" ގެ ނަމުގައި އިދިކޮޅު ކޯލިޝަނުން ބޭއްވި އެއްވުމުގައި ހައްޔަރުކުރި މާލޭގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ދޫކޮށްލަން އެ ކައުންސިލުން ގޮވާލައިފި އެވެ.
އޭނާ ހައްޔަރުކޮށް ބަންދުގެ މުއްދަތަށް ދެ ދުވަސް ޖަހާފައި ވަނިކޮށް ކައުންސިލުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ނަރީޝް ހައްޔަރުކުރީ ގާނޫނާ ހިލާފަށް ކަމަށެވެ.
"މާލެ ސިޓީ ކައުންސިލުން ގަބޫލުކުރާ ގޮތުގައި މިއީ ގާނޫނު އަސާސީން ލިބިދީފައިވާ ޝުއޫރު ފާޅުކުރުމުގެ މިނިވަންކަން ހަނިކޮށް ރައްޔިތުންގެ މަންދޫބެއްގެ ގޮތުގައި މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރުގެ މަގަމަށް ހޮއްވަވާފައި ހުންނެވި ކައުންސިލަރުގެ ބާރު ކަނޑުވާލުމާއި، އަޑު ކަނޑުވައިލުމަށްޓަކައި ހިންގާފައިވާ ވަރަށް ނާތަހުޒީބު ފިނޑި ޢަމަލެކެވެ. އަދި މިއީ ދިމިގުރާތީ ވެއްޓެއްގައި ކަންވެގެން ދާން ޖެހޭ ގޮތް ނޫން ކަމަށް ވެސް މި ކައުންސިލުން ދެކެމެވެ." ބަޔާނުގައި ބުންޏެވެ. "ވީމާ މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ދޫކޮށްލުމަށް މި ކައުންސިލުން ގޮވާލަމެވެ."
ހުކުރު ދުވަހުގެ ހަރަކާތުގެ ތެރެއިން ފުލުހުން ނަރީޝް ހައްޔަރުކުރީ އެ ދުވަހު ޕީޕީއެމާއި ޕީއެންސީން ބޭއްވި އެއްވުން ރަސްމީކޮށް ނުވެސް ފަށަނީހެވެ. އެ އެއްވުމުގެ ތެރެއިން ހައްޔަރުކުރި ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ މެންބަރު މުހައްމަދު ޣައްސާން މައުމޫނާއި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު އިއްޔެ ވަނީ ދޫކޮށްލައިފަ އެވެ.
ނަރީޝްއާ އެކު މިހާރު އެއްވުމާ ގުޅިގެން ހައްޔަރުގައި ތިބީ 9 މީހެކެވެ.