މާފަންނު ގެއެއްގެ ތަޅުންދަށުގައި ވަޅުލާފައި ހުރި 42 ކިލޯގެ ޑްރަގް މައްސަލައިގައި ހައްޔަރު ކުރި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީ.އެން.ސީ) ގެ ކައުންސިލް މެންބަރެއްގެ ގޮތުގައި ހުރި އަހުމަދު ހުސައިން ފުލުހުންނަށް ފިލުމަށް ފޯނާއި ފޯނު ނަމްބަރު ބަދަލު ކުރިކަމަށް ފުލުހުން ބުނެފި އެވެ.
އަހުމަދު ހުސައިންގެ ބަންދު މުއްދަތު ޖެހުމަށް އިއްޔަ ކޯޓަށް ގެންގޮސްފައިވާއިރު، އޭނާގެ މައްޗަށް ތުހުމަތު ކުރަނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުން / މަސްތުވާތަކެތި ޓްރެފިކް ކުރުމެވެ.
ބިމުއަޑި ކޮނެގެން މަސްތުވާތަކެތި ފޮރުވުމަށް އަހުމަދު ހުސައިން ތަނެއް ހެދިއިރު، އޭނާގެ ދިފާއުގައި ބުނެފައިވަނީ މަސްތުވާތަކެތި ފެނުނު ތަނަކީ އެންމެނަށް ވަދެވޭގޮތަށް ހުރިތަނެއްކަމަށެވެ. އަދި މިއީ މީނާއާ ދެކޮޅުވެރިކަމެއް އޮތްފަރާތަކުން މީނާއަށް ދެރައެއް ދިނުމަށް ޖެއްސި މައްސަލައެއް ކަމަށްވެސް ބުނެފައިވެއެވެ.
މިމައްސަލައިގައި ކޯޓުގައި ފުލުހުން ބުނެފައިވަނީ، މީނާ ފުލުހުންނަށް ފިލުމަށް އާންމުކޮށް ގެންގުޅޭ ނަމްބަރު ބަދަލުކޮށް، ފޯނުވެސް ބަދަލުކޮށްފައިވާކަމަށެވެ.
ކޯޓުން ވަނީ މީނާގެ ބަންދަށް 10 ދުވަސް ދީފައެވެ.
އަހުމަދު ހުސައިންގެ މައްޗަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން އޭނާ ނިސްބަތްވާ ޕީއެންސީން ވަނީ އެ ޕާޓީގެ ކައުންސިލުންވެސް އޭނާ ވަކިކޮށްފައެވެ.