Last Updated: March 28, 14:17
Thursday, March 28, 2024
ޚަބަރު

އައްޑޫ ބިން ހިއްކާނީ ނެދަލޭންޑްސްގެ ވެން އޫޑް އިން

އައްޑޫ ބިން ހިއްކުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ތެރެއިން. ފޮޓޯ/ އައްޑޫ ލައިވް

އައްޑޫ ބިން ހިއްކުމުގެ މަޝްރޫއު ނެދަލޭންޑްސްގެ ކުންފުންޏެއް ކަމަށްވާ ވެން އޫޑް ޑްރެޖިންއާ ހަވާލުކޮށްފި އެވެ.

މިއަދު "ނެޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓް" ހުޅުވަން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ބިން ހިއްކުމުގެ އެއްބަސްވުމުގައި ސޮއިކުރީ އެތަނުގެ އޮޑިޓޯރިއަމްގައި އޮތް ރަސްމިއްޔާތުގަ އެވެ. މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރީ ޕްލޭނިން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ޒީނާ އަހުމަދު ހަމީދެވެ. ވެން އޫޑްގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަ ޑްރެޖިން ކޮނީލިއަސް އެޑްރިއާންޑް ޑިބްރީން އެވެ.

އަށާރަ މަސް ދުވަހުގެ ތެރޭގައި ނިންމާ ގޮތަށްކުރިއަށް ގެންދާ ބުން ހިއްކުމުގެ މަޝްރިޫއުގެ ތެރެއިން ބިން ހިމާތްކުރުމުގެ މަަސައްކަތް ވެސް ކުރެވޭނެ އެވެ. މިއީ މަޝްރޫއަކީ އިންޑިއާ ސަރުކާރުގެ އެގްޒިން ބޭންކްގެ 800 މިލައިން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ކުރިއަށް ހިންގަން ނިންމާފައިވާ މަޝްރޫއެކެވެ.

މި މަޝްރޫއު ހަވާލުކުރި ވެން އޫޑް އަކީ ބިން ހިއްކުމުގެ ދާއިރާ އިން 150 އަހަރުގެ ތަޖުރިބާހުރި ކުންފުންޏެކެވެ.

ބިން ހިއްކުމުގެ މަޝްރޫއުގެ ތެރެއިން ފޭދޫ ފިޔަވައި އައްޑޫގެ އެހެން އަވަށްތައް އެކުލެވޭ ގޮތް ޖުމްލަ 194.3 ހެކްޓަރިގެ ބިން ހިއްކާނެ އެވެ. އަދި މި މަޝްރޫއަށް 1.3 ބިލިއަން ރުފިޔާ ހޭދަވާނެ އެވެ.

އައްޑޫގެ ބިން ހިއްކުމާ ގުޅޭ މުހިއްމު ބައެއް ކަންކަން:

* ހިތަދޫން 90 ހެކްޓަރުގެ ބިން ހިއްކުން
* ހުޅުމީދޫން 23.3 ހެކްޓަރުގެ ބިން ހިއްކުމާއި ޓޫރިޒަމަށް ހާއްސަކޮށްގެން ފަސް ހެކްޓަރުގެ ދެ ރަށް ހިއްކުން
* މަރަދޫ/މަރަދޫފޭދޫން 76 ހެކްޓަރުގެ ބިން ހިއްކުން
* ޓޫރިޒަމަށް ހާއްސަކޮށްގެން ފަޅުތެރެއިން ހިއްކައިގެން އުފައްދާ 8.3 ހެކްޓަރުގެ ތިން ރަށާއި 3.3 ހެކްޓަރުގެ ދެ ރަށް ހިއްކުން

އައްޑޫ ކައުންސިލުން ބުނެފައިވާ ގޮތުގައި ބިން ހިއްކުމުގެ މި ބޮޑު މަޝްރޫއުގެ ސަބަބުން ކުރިއަށް އޮތް 50 އަހަރަށް އައްޑު އަށް ބިމުގެ ދަތިކަން ކުރިމައްޗެއް ނުވާނެ އެވެ. އަދި މީގެ ސަބަބުން އިގުތިސާދީ ހަރަކާތްކާއި ބޯހިޔާވަހިކަމަށްް ބިން ލިބުމުގެ ފުރުސަތު ހުޅުވިގެން ދާނެ އެވެ.