Last Updated: June 13, 20:58
Saturday, June 13, 2026
ޚަބަރު

ސައީދާއި ޣައްސާން ހައްޔަރުކުރި މައްސަލަ މަޖިލީހަށް

ރައްޔިތުންގެ މަޖިލީހުގެ ތ. ގުރައިދޫ ދާއިރާގެ މެމްބަރު ޣައްސާން މައުމޫން އަދި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ހައްޔަރު ކުރި މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

މިމައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އެޑްރެސްކޮށް އާދަމް ޝަރީފް ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ، މިމަހުގެ 25 ވަނަ ދުވަހު މާލޭގައި ބޭއްވި މުޒާހަރާގެތެރެއިން ރައްޔިތުންގެ މަޖިލީހުގެ މެންބަރު ޣައްސާން އާއި މެންބަރު ސައީދު، ފުލުހުން ވަރަށް އަނިޔާވެރިކަމާއެކު ހައްޔަރު ކޮށްފައިވާކަމަށެވެ. އަދި، މެންބަރުން ހައްޔަރު ކުރުމުގެ ކުރިން އެމެންބަރުންގެ މޫނަށް ޕެޕަރ ސްޕްރޭ ޖަހައި، އަދި ހައްޔަރު ކުރުމަށްފަހު ދެއަތުގާ ބިޑި އަޅުވައި، 24 ގަޑިއިރަށްވުރެ ގިނައިރު ދޫނިދޫގައި ބަންދުކޮށްފައިވާކަމަށެވެ.

އާދަމް ޝަރިފް ފޮނުވި ސިޓީގައި ބުނެފައިވަޏީ، ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ޤާނޫނުގެ 14 ވަނަ މާއްދާގައި، ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ބަންދުކޮށްފިކަމުގެ މައުލޫމާތު މަޖިލީހުގެ ރައީސަށް ލިބިއްޖެނަމަ، ވީ އެންމެ އަވަހަކަށް އެކަން ބެލުމަށް މަޖިލީހުގެ އިމްތިޔާޒު ކޮމިޓީ އެއްކުރަންވާނެ ކަމަށް ބަޔާންކުރެވިފައިވާކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ޤަވައިދުގެ 236 ވަނަ މާއްދާގެ (ށ) ގައި މެންބަރަކު ބަންދުކުރަން ޖެހިއްޖެ ހިނދެއްގައި ބަންދު ކުރާތާ ގިނަވެގެން އެއްގަޑިއިރުގެ ތެރޭގައި އެކަން މަޖިލީހުގެ ރައީސަށް އަންގަންވާނެ ކަމަށް ވެސް ބަޔާންކޮށްފައިވާ ކަމަށެވެ.

އެހެންކަމުން ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ޤާނޫނުގެ 13 ވަނަ މާއްދާގެ (ށ) އަދި ރައްޔިތުންގެ މަޖިލީހުގެ ޤަވައިދުގެ 236 މާއްދާގެ (ށ) އާ އެއްގޮތަށް އަމަލުކޮށްފައިނުވާ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ކަމާބެހޭ ކޮމިޓީން ބައްލަވައިދިނުމަށް އާދަމް ޝަރީފް އެދިފައިވެއެވެ.

އިދިކޮޅުން ކުރިއަށްގެންދިޔަ މުޒާހަރާގެ ތެރެއިން ސައިދު އަދި ޣައްސާން ހައްޔަރު ކުރުމަށްފަހު އިއްޔަ ވަނީ ދޫކޮށްލާފައެވެ.