Last Updated: June 13, 20:58
Saturday, June 13, 2026
ޚަބަރު

ދައުރު ވަނީ އުތުރުތިލަފަޅުގެ ސައްހަ ކުރެހުންތަކެއް ނޫން

މާރިޔާ ރަސްމިއްޔާތެއްގައި ބައިވެރިވެވަޑައިގަންނަވަނީ.- ފޮޓޯ: އެމްއެންޑީއެފް

އުތުރުތިލަފަޅުގެ ކުރެހުންތައް ކަމަށްބުނެ ދައުރުކުރަމުން އަންނަނީ ސައްހަ ކުރެހުންތަކެއް ނޫން ކަމަށް ޑިފެންސް މިނިސްޓްރީން ބުނެފިއެވެ.

އުތުރުތިލަފަޅުގެ ކުރެހުންތައް ކަމަށްބުނެ ބައެއް މީޑިއާތަކުން އަންނަނީ ކުރެހުންތަކެއް ދައުރުކުރަމުންނެވެ.

އެކަމާ ގުޅިގެން ޑިފެންސް މިނިސްޓްރީން ބުނެފައިވަނީ، އުތުރުތިލަފަޅުގައި ތަރައްޤީކުރާ ކޯސްޓްގާޑް ބަނދަރާއި ޑޮކްޔާޑްގެ ކުރެހުން ކަމަށް ބުނެ ބައެއް މީޑިޔާގައި ދައުރުކުރާ ކުރެހުންތަކަކީ، މިހާރު ސޮއިކޮށްފައިވާ އެގްރީމަންޓްގެ ޕްރޮޖެކްޓްގެ ކުރެހުންތަކެއް ނޫން ކަމަށެވެ.

އިންޑިއާ އާއެކު ދިވެހި އަސްކަރިއްޔާއިން ސޮއިކޮށްފައިވާ އުތުރު ތިލަފަޅު އެއްބަސްވުމަކީ ސިފައިންގެ ޑޮކްޔާޑަކާއި ބަނދަރެއް އުތުރުތިލަފަޅުގައި ގާއިމު ކުރުމަށް ވެފައިވާ އެއްބަސްވުމެކެވެ.

އެހެންނަމަވެސް އިދިކޮޅުން އަންނަނީ އެކަން ގަބޫލުނުކޮށް، އެއީ އިންޑިއާގެ އަސްކަރީ ބޭސްއެއް ކަމަށްބުނެ ވާހަކަ ދައްކަމުންނެވެ. އަދި އެ އެއްބަސްވުން ހާމަކުރުމަށް އިދިކޮޅުން ގޮވާލުމުން ޑިފެންސް މިނިސްޓްރީން ވަނީ އިދިކޮޅުގެ މަޖިލިސް މެމްބަރުންވެސް ތިބޭ މަޖިލީހުގެ 241 ކޮމިޓީގައި އެއްބަސްވުންވެސް ދައްކާފައެވެ.