ސ. ހެރަތެރަ ހިންގަން ޝައުގުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ އިރު، އެކަމާ ބެހޭ ޕްރީ ބިޑް މީޓިން މިއަދު އޮންނާނެ އެވެ.
ޕްރީ ބިޑް މީޓިން އޮންނާނީ މިއަދު މެންދުރު ފަހު 2:00 ގައި މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ)ގެ މައި އޮފީހުގަ އެވެ. އެމްޓީޑީސީން ބުނީ ޕްރީ ބިޑް މީޓިންގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މިއަދު މެންދުރު 1:30 ގެ ކުރިން ނަން ނޯޓް ވެސް ކުރަން ޖެހޭނެ ކަމަށެވެ.
އެމްޓީޑީސީން ތަރައްގީކޮށް ހިންގަމުން އަންނަ ހެރަތެރަ އަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 21 ގެ ނިޔަލަށް ވަނީ ހުޅުވާލައިފަ އެވެ.
އެ ކުންފުނިން ބުނީ މިފަހަރު ހެރަތެރަ ބަޔަކާ ހަވާލުކުރަން ނިންމާފައި ވަނީ ސަބްލީސް އެގްރިމަންޓެއްގެ ދަށުން ނުވަތަ ރަށް ވިއްކާލައިގެން ކަމަށެވެ.
އެމްޓީޑީސީން ބުނީ 546 އެނދުގެ ރިސޯޓަށް ސަބްލީސް މޮޑެލްގެ ދަށުން ދިވެހި އަދި ބޭރުގެ ކުންފުނިތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. އަދި ރިސޯޓް ގަނެގެން ހިންގުމުގެ ފުރުސަތު ރާއްޖެ އާއި ބޭރުގެ ވަކިވަކި ފަރުދުންނަށާއި ކުންފުނިތަކަށާއި ޕާޓްނާޝިޕްތަކަށް ވެސް އޮންނާނެ ކަމަށް ވެސް އެމްޓީޑީސީން ބުންޏެވެ.