Last Updated: July 18, 17:34
Saturday, July 18, 2026
ކުޅިވަރު

ކެނެޑާ 36 އަހަރަށް ފަހު ވޯލްޑް ކަޕަށް

ޖެމެއިކާ 0-4 އިން ބަލިކުރުމަށްފަހު މިއަހަރު ފަހުކޮޅު ގަތަރުގައި ބާއްވާ ވޯލްޑް ކަޕަށް ކެނެޑާ ކޮލިފައިވެއްޖެ އެވެ.

މިއީ 1986 ވަނަ އަހަރަށްފަހު ކެނެޑާ ވޯލްޑް ކަޕަށް ކޮލިފައިވި ފުރަތަމަ ފަހަރެވެ. އެފަހަރު ކެނެޑާ ވޯލްޑް ކަޕް ނިންމާލީ ޕޮއިންޓެއް ނުލިބި ގްރޫޕްގެ ފުލުގައި އޮވެ އެވެ.

ރޭގެ މެޗުގައި ކެނެޑާގެ ހަތަރު ގޯލު ކާމިޔާބުކޮށްދިނީ ކައިލް ލަރިން އާއި ޓަޖޮން ބުޗަނަން އާއި ޖޫނިއާ ހޮއިލެޓްގެ އިތުރުން އެޑްރިއަން މަރިއާޕާ އެވެ.

ކޮލިފައިންގައި ބާކީ އަދި އެއް މެޗު އޮއްވާ ކެނެޑާ ވޯލްޑް ކަޕަށް ކޮލިފައިވިއިރު އެޓީމަކީ އުތުރު އެމެރިކާ އިން މުބާރާތަށް ކޮލިފައިވި ފުރަތަމަ ޓީމެވެ. އުތުރު އެމެރިކާގެ ކޮލިފައިންގެ ތާވަލަށް ބަލާއިރު، އެއްވަނައިގައި 13 މެޗުން 28 ޕޮއިންޓު ހޯދައިގެން އެއްވަނައިގައި އޮތީ ކެނެޑާ އެވެ. ދެވަނައިގައި 13 މެޗުން 25 ޕޮއިންޓާ އެކު އެމެރިކާ އޮތްއިރު ތިންވަނައިގައި 13 މެޗުން 25 ޕޮއިންޓާ އެކު އޮތީ މެކްސިކޯ އެވެ. އެމެރިކާ އަށް ކުރި ލިބެނީ ގޯލުގެ ތަފާތުންނެވެ.

އުތުރު އެމެރިކާ އިން ވޯލްޑް ކަޕްގެ ސީދާ ޖާގަ ލިބެނީ ގަދަ ތިން ޓީމަށެވެ. ހަތަރުވަނަ އަށް ނިންމާ ޓީމެއް ޖެހޭނީ ޕްލޭއޮފްގައި ކުޅޭށެވެ.

ވޯލްޑް ކަޕްގެ ގުރު ނެގުން އަންނަ ހުކުރު ދުވަހު ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.