"އިންޑިއާ އައުޓް" މުޒާހަރާއިން ހައްޔަރުކުރި މީހުން ދޫކޮށްލުމަށް ގޮވާލާ ހުށަހެޅި ކުއްލި މައްސަލަ މަޖިލީހަށް ބަލައިނުގަނެ ބޭރުކޮށްލައިފިއެވެ.
މި ކުއްލި މައްސަލަ މަޖިލީހަށް ހުށަހަޅާފައިވަނީ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމެވެ. މި ކުއްލި މައްސަލަ ބަލައިގަންނަން ފެންނަކަމަށް މަޖިލީހުގައި ވޯޓު ދެއްވީ ތިން މެމްބަރުންނެވެ. އަދި މި ކުއްލި މައްސަލަ ބަލައިގަތުމާ ދެކޮޅަށް 26 މެމްބަރުން ވޯޓު ދީފައިވެއެވެ.
ޝިޔާމް ހުށަހެޅި ކުއްލި މައްސަލައިގައި ބުނެފައިވަނީ، އިންޑިޔާގެ މިލިޓަރީ ސިފައިން ދިވެހިރާއްޖޭގައި ތިބުމާ ދެކޮޅަށް މިމަހުގެ 25 ވަނަ ދުވަހު މާލޭގައި ބޭއްވުނު އިޙްތިޖާޖުގެ ތެރެއިން "ދިވެހި ސަރުކާރާ އިންޑިޔާގެ އަމުރަށް 17 މީހަކު ހައްޔަރުކޮށް، ދޫނިދޫ ޖަލުގައި ބަންދުކޮށް ބިޑި އަޅުވާ
އަނިޔާކޮށްފައިވާ" ކަމަށެވެ.
ކުއްލި މައްސަލައިގައި ބުނެފައިވަނީ ހައްޔަރުކޮށްފައިވާ މީހުންގެ ތެރެއިން 9 މީހުން އަދިވެސް ބަންދުކޮށްފައިވާކަމަށެވެ. އަދި އެއްވެ އުޅުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ ޤާނޫނު އަސާސީގެ 27 ވަނަ މާއްދާއާއި 32 ވަނަ މާއްދާއިން ރައްޔިތުންނަށް ލިބިދީފައިވާ އަސާސީ ޙައްޤުތަކަށްވާއިރު އެ ޙައްޤުތައް ހަނިކޮށް، ނިގުޅައިގަނެފައިވާ ކަމަށެވެ.
އަދި ޖަލުގައި ބަންދުކޮށްފައިތިބި ފަރާތްތަކާއިމެދު ވަރަށް އަނިޔާވެރިކޮށް އަމަލު ކުރަމުންދާތީއާއި، ޖަލުތެރޭގައި ބޭރަށް ހިންގުންފަދަ ބަލިތައް ފެތުރެމުންދާއިރު ތަނުގެ ސާފުތާހިރު ކަމާއި އެފަރާތްތަކަށްދޭ ކާބޯތަކެތީގެ ސާފުތާހިރުކަމުގެ މިންގަނޑުވެސް ވަރަށް ދަށު ދަރަޖައިގައި ހުރި ކަމުގެ ޝަކުވާތައް ލިބެމުންދާ ކަމަށް ކުއްލި މައްސަލައިގައި ބުނެފައިވެއެވެ.
އެހެންކަމުން އެއްވެ އުޅުމާއި ހިޔާލުފާޅޫކުރުމުގެ މިނިިވަންކަމަށް ހުރަސް ނޭޅުމަށާއި، ޖަލުތަކުގެ ޙާލަތު ރަނގަޅުކުރުމަށާއި، ސުލްހަވެރި އިހްތިޖާޖުގެ ތެރެއިން "ސަރުކާރާ އިންޑިޔާގެ އަމުރަށް" ހައްޔަރުކޮށްފައިތިބި އެންމެން މިހާރުން މިހާރަށް ދޫކޮށްލުމަށް ސަރުކާރަށް ގޮވާލާ ކަމަށް ކުއްލި މައްސަލައިގައި ބުނެފައިވެއެވެ.