Last Updated: June 13, 18:07
Saturday, June 13, 2026
ޚަބަރު

ވަޒީރަކު ދޮގުހެދި މައްސަލައިގެ ބަހުސް ކުރިއަށް

ރައްޔިތުންގެ މަޖިލީހުގައި ވަޒީރަކު ދޮގު ހެދިކަމަށް ބުނާ މައްސަލަ ބަލައިގަނެ ބަހުސް ފައްޓައިފިއެވެ.

ފުލުހުންގެ ތެރޭގައި ގަސްދުގައި ގޯސްހަދާ މީހުން ތިބިކަމަށް ބަންޑާރަނައިބު އިބްރާހިމް ރިއްފަތު މަޖިލީހުގައި ވިދާޅުވިއިރު، އެކަން ދޮގުކޮށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މަޖިލީހުގައި ބުނެފައިވަނީ އެފަދަ ބަޔަކު ފުލުހުންގެ ތެރޭގައި ނެތްކަމަށެވެ.

އެކަމާ ގުޅިގެން މަޖިލީހަށް މައްސައެއް ހުށަހަޅާފައިވަނީ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފެވެ. މިމައްސަލަ މަޖިލީހަށް ބަލައިގަތުމަށް 18 މެމްބަރުން ވޯޓު ދެއްވިއިރު، 13 މެމްބަރަކު ވަނީ އެ ކުއްލި މައްސަލަ ބަލައިގަތުމާ ދެކޮޅަށް ވޯޓު ދެއްވާފައެވެ.

އާދަމް ޝަރީފް ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ މި މައްސަލައިގައި ވަޒީރަކު މަޖިލީހުގައި އިތުރުފުޅު ހައްދަވާފައިވާތީ އެކަމަކީ ޤާނޫނުއަސާސިއާ ހިލާފު ކަމަކަށްވާތީ، އެކަމުގައި ފިޔަވަޅުއެޅުމަށް ސަރުކާރަށް ގޮވާލާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގައި ވާހަކަ ދައްކަވަމުން ބަންޑާރަނައިބު ރިއްފަތު ވިދާޅުވީ ފުލުހުންގެ ތެރޭގައި ނިޒާމު ރަނގަޅަށް އެނގި، ނިޒާމުގެ ތެރޭގައި ހުރި ލޫޕްހޯލްތައް ހޯދައިގެން ގޯސް ހަދާ މީހުން އެކަން އެގޮތަށް ކުރަނީ ގަސްތުގައި "ނުނިޔަތެއް ބާއްވައިގެން" ކަމަށެވެ. އެކަމާ ގުޅިގެން މަޖިލީހުން ސުވާލުކުރުމުން މިނިސްޓަރު އިމްރާން މަޖިލީހުގައި ވިދާޅުވީ، އެފަދަ މީހުން ދިވެހި ފުލުހުންގެ ހިދުމަތުގައި ތިބިކަން މިހާތަނަށް ފާހަގަކުރެވިފައިނުވާކަމަށެވެ.

މިކަމާ ގުޅިގެން އެދުވަހު މަޖިލީހުގައި، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މިކަމުގައި ކޮންމެވެސް އެއް ވަޒީރަކު "އިތުރުފުޅު ހައްދަވަނީ" ކަމަށެވެ.