ބަންޑާރަނައިބު އިބްރާހިމް ރިއްފަތު މަޖިލީހުގެ ކޮމިޓީގައި ދެއްކެވި ވާހަކަ ދިފާއު ކުރައްވާ، ހަގީގަތެއް ނެތް ވާހަކަ ރިއްފަތު ނުދައްކަވާނެ ކަމަށް ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވެއްޖެއެވެ.
ފުލުހުންގެ ތެރޭގައި ގަސްދުގައި ގޯސްހަދާ މީހުން ތިބިކަމަށް ރިއްފަތު ވިދާޅުވިއިރު، އެފަދަ ބަޔަކު ނެތްކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވުމުން އެކަމުގައި އެއް ވަޒީރަކު ދޮގު ހަދާކަމަށް ބުނެ މަޖިލީހަށް ހުށަހެޅި މައްސަލައާ ގުޅިގެން ވާހަކަ ދައްކަވަމުން އީވާ ވިދާޅުވީ މިއީ މަޖިލީހުގެ އިމްތިޔާޒާ ގުޅިފައިވާ މައްސަލައެއް ކަމަށެވެ.
އީވާ ވަނީ ފުލުހުންގެ ތެރޭގައި ގަސްދުގައި ގޮސްހަދާ ބަޔަކު ނެތްކަމަށް މިނިސްޓަރު އިމްރާން ވިދާޅުވީ އެކަން ރަނގަޅަށް ބަލާފައިތޯ ސުވާލު އުފައްދަވާފައެވެ. އަދި ވިދާޅުވީ ހަގީގަތެއް ނެތް ވާހަކަ ބަންޑާރަނައިބު ރިއްފަތު ނުދައްކަވާނެ ކަމަށެވެ.
"އަޅުގަނޑަށް ޔަގީން، އެޓާނީ ޖެނެރަލް މިވަރު ވާހަކައެއް ވިދާޅެއް ނުވާނެ، މީގަ ހަގީގަތެއް ނެތިއްޔަކާ." އީވާ ވިދާޅުވިއެވެ.
އީވާ ވިދާޅުވީ މިކަމުގައި ރަނގަޅު ގޮތަކީ، މިކަން ތަހުގީގު ކުރުމަށްފަހު އޭގެ ނަތީޖާ މަޖިލީހާ ހައްސާކުރާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން ވިދާޅުވުން ކަމަށެވެ.
އަދި ވިދާޅުވީ މަސްތުވާތަކެއްޗާ ގުޅޭ ކަންކަމާ ހިއުމަން ޓްރެފިކިންއާ ގުޅޭ ކަންކަމާ މި ކަހަލަ ބޮޑެތި ޖަރީމާތަކުގައި ގަސްދުގައި ގޯސް ހަދާ ފުލުހުން، މުޅި ދުނިޔޭގައި ވެސް އުޅޭކަން އެންމެނަށްވެސް އެނގޭ ކަމަށާއި، އެއީ ހަމަ ދޮގު ނުކުރެވޭނެ ފަދަ ވާހަކައެއް ކަމަށެވެ.