Last Updated: June 27, 13:13
Saturday, June 27, 2026
ޚަބަރު

ނައިބު ރައީސް ޔޫއޭއީ އަށް ވަޑައިގެންފި

ނައިބު ރައީސް ފައިސަލް ނަސީމު ރަސްމީ ދަތުރެއްގައި ޔޫއޭއީ އަށް ވަޑައިގެންފި އެވެ.

ރައީސް އޮފީހުން ބުނީ ހަތަރު ދުވަހުގެ މި ދަތުރަކީ "ވޯލްޑް ގަވަރަމަންޓް ސަމިޓް 2022" ގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރެއް ކަމަށެވެ.

މި ދަތުރުފުޅުގައި ނައިބު ރައީސް ޔޫއޭއީގެ ބައެއް އިސް އޮފިޝަލުންނާއި ބައްދަލުކުރެއްވުމުގެ އިތުރުން އެމްއޯޔޫއެއްގައި ސޮއިކުރެއްވުމަށް ވެސް ހަމަޖެހިފައިވެ އެވެ. ދަތުރު ނިންމަވާލެއްވުމަށް ފަހު ފައިސަލް އެނބުރި މާލެ ވަޑައިގަންނަވާނީ މި މަހުގެ 31 ގަ އެވެ.

ނައިބު ރައީސް ޔޫއޭއީ އަށް ވަޑައިގެންނެވީ މިދިޔަ ހުކުރު ދުވަހު ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ އެކު، ފުވައްމުލަކަށް ވަޑައިގެން، ހޮނިހިރު ދުވަހު މާލެ ފުރާވަޑައިގަތުމަށް ފަހު އެވެ. ރައީސް މި ވަގުތު އައްޑޫގައި ހުންނެވި އިރު، އައްޑޫ ދަތުރު މިއަދު ނިންމަވާލައްވާނެ އެވެ.

ރައީސް މި ވަގުތު ހުންނެވީ އައްޑޫގެ މީހުން އުޅޭ އަވަށްތަކުގެ ތެރެއިން ވަކިން އޮންނަ ހުޅުމީދޫގަ އެވެ.