މަސައްކަތް ނިމިފައި ހުއްޓަސް ބޭނުން ކުރަން ފެށި ދިގުލައިގެން ގޮސްފައިވާ މާލޭގެ ސަލްމާން މިސްކިތުގައި އަންނަ ހުކުރު ދުވަހު ނަމާދުކުރަން ފަށާނެ ކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފި އެވެ.
އެ މިނިސްޓްރީގެ ނިއުސް ކޮންފަރެންސެއްގައި މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވިދާޅުވީ އަންނަ ހުކުރު ދުވަހުގެ ހުކުރު ނަމާދުން ފެށިގެން ސަލްމާން މިސްކިތުގައި ނަމާދުކުރަން ފަށާނެ ކަމަށެވެ. ސަރުކާރުން ކުރިން ވެސް ނިންމާފައި އޮތީ ރޯދައާ ދިމާކޮށް އެ މިސްކިތް ހުޅުވާށެވެ. މި އަހަރުގެ ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ އަންނަ ހޮނިހިރު ދުވަހެވެ.
މިނިސްޓަރު ވިދާޅުވީ މިސްކިތުގައި ނަމާދުކުރަން ފެށި ނަމަވެސް މިސްކިތް ރަސްމީކޮށް ހުޅުވާނީ ފަހުން ކަމަށާއި ލަސްތަކެއް ނުވެ ރަސްމީކޮށް މިސްކިތް ހުޅުވާނެ ކަމަށެވެ. އަދި އެކަމަށް ސައުދީ އަރަބިއްޔާގެ ޓީމެއް ވަޑައިގަންނަވާނެ ކަމަށް ވިދާޅުވި އެވެ.
"ހުޅުވާނެ ޑޭޓެއް އަދި ފައިނަލެއް ނުވޭ. އެކަމަކު ދެން މާ ލަހެއް ނުވާނެ." މިނިސްޓަރު ވިދާޅުވި އެވެ.
ކިންގް ސަލްމާން މިސްކިތަކީ ސައުދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްއަޒީޒްގެ އެހީގެ ދަށުން ބިނާކުރި މިސްކިތެކެވެ. މިއީ މާލޭގައި ހުރި އިސްމީ މަރުކަޒު ފިޔަވައި އެންމެ ބޮޑު މިސްކިތް ވެސް މެ އެވެ.
އެއްފަހަރާ 4،000 އެއްހާ މީހުންނަށް ނަމާދުކުރެވޭ ގޮތަށް ހަދާފައިވާ ސަލްމާން މިސްކިތަކީ ގިނަ ކަންކަމަށް ބޭނުން ވެސް ހިފޭ ގޮތަށް ފަރުމާކޮށްފައިވާ ޖާގަ ތަނަވަސް މިސްކިތެކެވެ. މިސްކިތުގެ ފުރަތަމަ އާއި ދެވަނަ ފަންގިފިލާ ހާއްސަކޮށްފައި ވަނީ ނަމާދު ކުރުމަށެވެ.
މިސްކިތުގެ ތިން ވަނަ ފަންގިފިލާގައި ހަތަރު ކްލާސްރޫމާއި ފަސް ސެމިނަ ރޫމްގެ އިތުރުން އިސްލާމިކް ލައިބްރަރީއަކާއި އިދާރީ މަސައްކަތްތަކަށް ހާއްސަ ތަނެއް ހަދާފައިވެ އެވެ. ހަތަރު ވަނަ ފަންގިފިލާ ހާއްސަކޮށްފައި ވަނީ އެކިއެކި ސެމިނަރތަކާއި ކޮންފަރެންސްތައް ބޭއްވުމަށް ޚާއްސަ އޮޑިޓޯރިއަމަކަށެވެ. މިއީ 350 މީހުންގެ ޖާގައިގެ ތަނެކެވެ.
މީގެ އިތުރުން މިސްކިތުގެ ފަސް ވަނަ ފަންގިފިލާ ހާއްސަކޮށްފައި ވަނީ ދީނީ ދަރުސް ދިނުމަށާއި، ނަމާދު ކުރުމަށް ވެސް ބޭނުންކުރެވޭނެހެން މަލްޓި-ޕަާޕަސް ހޯލެއްގެ ގޮތުގައެވެ.