ކްރިމިނަލް ކޯޓަކީ "ބަކަރި ކޮށްޓެއް" ކަމަށް މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ސައީދު މިފަދައިން ވިދާޅުވެފައިވަނީ މުޒާހަރާއިން ހައްޔަރުކުރުމަށްފަހު ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ގެންދިއުމުން އެތަނުގައި ކަން ހިނގިގޮތާ ގުޅޭގޮތުން ވާހަކަ ދައްކަވަމުންނެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހަޅާފައި އޮތް މައްސަލައަށް ވާހަކަ ދައްކަވަމުން ސައީދު ވަނީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
އެގޮތުން ސައީދު ވަނީ އިމްރާން މީގެކުރިން ރައީސް ނަޝީދާއި ގުޅޭގޮތުން ދެއްކި ވާހަކަތަކާއި ރައީސް ޔާމީނާ ގުޅޭގޮތުން މުޒާހަރާތަކުގައި ދައްކާފައިވާ ވާހަކަތައް ތަކުރާރުކުރައްވާ އިމްރާނަކީ ދޮގުހަދާ މީހެއް ކަމަށް ބުނެފައެވެ.
"ހަށިގަނޑު ފުރެންދެން ދޮގު." އިމްރާނަށް ނިސްބަތްކޮށް ސައީދު ވިދާޅުވިއެވެ.
ސައީދު ވިދާޅުވީ މުޒާހަރާގެ ތެރެއިން ހައްޔަރުކޮށް ގެންގޮސް ބައިތިއްބާފައި ތިބި ގޮޅީގެ ފާހަނަައިގައި ކެމެރާ ހަރުކޮށްފައި ހުރިކަމަށާއި، އެއީ އިމްރާން ގެނައި އިސްލާހު ކަމަށެވެ.
"ފާހާނަ ތެރޭގަ މީހުންގެ އޮރިޔާން ބަލަންތޯ ކެމެރާ ހަރުކޮށްފަ ހުރީ."
އަދި ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންގޮސް އަމަލުކުރި ގޮތުން އެކަމަށް ފާޑުވިދާޅުވެ ސައީދު ވަނީ ކޯޓަކީ "ބަކަރި ކޮށްޓެއް" ކަމަށް ބުނެފައެވެ.
"ގަޑިޖެހެންވާއިރަށް ފަނޑިޔާރެއްގެ ކުރިމައްޗަށް، ގާޒީ ކުރިމައްޗަށް ގެންނަން ޖެހޭނޭ ބުނީމަ، ބަކަރި ކޮށްޓެއް ކަހަލަ ތަނެއްގެ ކުރިމައްޗަށް ގެނެސް 8 ގަޑިއިރު ވަންދެން ޕްލާސްޓިކް ގޮނޑީގަ 17 މީހުން އަތުލާފަ ތިބީ. މިއީ ކޯޓޯ!؟ ކޯޓަށޯ މި ގެނައީ. ކޯޓޭ ބުނީމަ ކޯޓު." ސައީދު ވިދާޅުވިއެވެ.
ސައިދުގެ ވާހަކަތަކާ ގުޅިގެން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައިސް މުހައްމަދު ނަޝީދު ވިދާޅުވީ، މެމްބަރު ސައީދަށް ދިމާވި "އަނިޔާވެރި ގޮތުގެ ސަބަބުން" ހިތް ފަޅައިގެންދާ ކަމަށެވެ.